އިންޑިއާގައި އަންހެނަކު ހަތަރު އަތާއި ހަތަރު ފައި ހުރި ކުއްޖަކު ވިހައިފި

އިންޑިއާގެ ޒުވާން އަންހެނަކު ހަތަރު އަތާއި ހަތަރު ފައި ހުރި ކުއްޖަކު ވިހައިފި އެވެ.

ހަރުދްވާރު އަވަށުގެ އުމުރުން 29 އަހަރުގެ އަންހެނަކަށް އެ ކުއްޖާ ވިހެއީ, ޗަތަރްޕޫރުގެ ލަވްކުޝްނަގަރުގައި ހުންނަ ކޮމިއުނިޓީ ސެންޓަރުގައި މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ކުއްޖާގެ ބަރުދަނުގައި ތިން ކިލޯ ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑޮކްޓަރުން ލަފާކުރައްވާ ގޮތުގައި މިއީ ”ހެޓެރޯޕޭގަސް ކޮންޖެނިޓަލް ޑިފެކްޓް“ ނުވަތަ ”ޕެރަސައިޓިކް ޓްވިން“ގެ ހާލަތެކެވެ. މިއީ ފުރިހަމައަށް ހެދިބޮޑުނުވާ އެއްމާބަނޑު ކުއްޖަކު, އާދައިގެ ގޮތެއްގައި ހެދިބޮޑުވަމުން އަންނަ ކުއްޖާގެ ހަށިގަނޑާ ގުޅިފައި ހުރުން ނުވަތަ ތަތްވެފައި ހުންނަ ހާލަތެކެވެ.

ޑޮކްޓަރުން ވިދާޅުވި ގޮތުގައި ކުއްޖާގެ ލޭދައުރުވުމާއި ކަށިތަކާއި ލޭހޮޅިތަކުގެ އިތުރުން އިތުރުވެފައިވާ ހަށިގަނޑުގެ ބައިތައް އެތެރެހައްޓާ ގުޅިފައިވާ ގޮތް ދެނެގަނެ, ވަޒަން ކުރެވޭނީ ހާއްސަ ޑޮކްޓަރުން ބަލައި, ސްކޭންތަކާއި އިމޭޖިން ހެދުމަށްފަހު އެވެ.

އެހެންވެ ކުއްޖާއާއި މަންމަ އެއާ އެމްބިއުލާންސްގައި ޖަބަލްޕޫރަށް ގެންދަން ވަނީ ނިންމައިފަ އެވެ. އަދި ސާޖަރީ ހެދިދާނެތޯ ނުވަތަ ނޫންތޯ އާއި އިތުރު ފަރުވާއާމެދު ގޮތެއް ނިންމާނީ ތަފުސީލީ ދިރާސާއަކަށްފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.