އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލުކުރަން ސަރުކާރުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށާއި ސިޔާސީ މަގާމުތަކަށް ވަޑައިގެންނެވުމަށް މަޖިލީހުގެ ހަތް މެންބަރަކު، މެންބަރުކަމުން އިސްތިއުފާ ދެއްވުމުން މަޖިލީހުގައި މިހާރު ތިއްބެވީ 80 މެންބަރުންނެވެ. ނަމަވެސް ގާނޫނު ބުނާ ގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް އޮތް ނަމަ އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެ އެވެ.
އެހެންވެ މަޖިލީހުގެ މެންބަރުން ގުނުމުގައި ހުސްވި ގޮނޑިތައް ނުހިމަނަން އެމްޑީޕީން މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާއަށް ތިން އަކުރެއް އިތުރުކުރަން އިސްލާހު ހުށަހެޅި އެވެ. އަދި 18 ޑިސެމްބަރު 2023ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ފާސްކުރި އެވެ.
އެ އިސްލާހާއެކު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ މިހާރު 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި އޭރު ތިއްބެވި އެމްޑީޕީގެ 55 މެންބަރުންގެ ވޯޓުންވެސް ރައީސް އާއި ނައިބް ރައީސް އަޒުލުކުރެވެން އޮތެވެ.
އެމްޑީޕީން މަޖިލިސް ގަވާއިދަށް ގެނައި އެ އިސްލާހުތައް ބާތިލުކުރަން ބަންޑާރަ ނައިބުގެ އޮފީހުން ސްޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ ތިން އަކުރުގައި ”މަޖިލީހުގެ ޖުމްލަ މެންބަރުން“ މި އިބާރާތަށް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނޫއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށެވެ.
އަދި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާނީ ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ ގޮތަށް ކަމަށް ބަޔާންކޮށްފައި އޮތުމަކީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމުލަ އަދަދާ ހިލާފު އަދި ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި 87 ވަނަ މާއްދާއާއި 88 ވަނަ މާއްދާ އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުޒުވާ މާނަ ކުރުމެއް ކަމަށްވެސް ބުންޏެވެ.
ގުޅުންހުރި
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް
ގެއަކަށް ވެއްދުމަށްފަހު އޮރިޔާންކޮށް، ފޭރުން: މަންމައާއި ދަރިފުޅު އެއް އަހަރަށް ޖަލަށް
އިންޑިއާއިން، ރާއްޖެއަށް ވިއްކާ ހަކުރު ލަންކާއަށް ގެންދާ މައްސަލަ ބަލަނީ
ޕީއެންސީ އިންތިހާބު: ދެ ކެންޑިޑޭޓެއްގެ މެދުގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު ހާމަކުރައްވައިފި