އޮކްޓޯބަރ 5, 2024

އަސްލަމާއި، ސައްލެގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަޙްމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަޖިލީހުގެ ރައީސާއި ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޕީޕީއެމް/ޕީއެންސީންނެވެ. މިދެބޭފުޅުން މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ އެ ދެބޭފުޅުން ނުފޫޒު ބޭނުންކޮށްގެން ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަސައްކަތް ކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ.

އެ މައްސަލަ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ 23 މެންބަރުންގެ ސޮޔާއެކުގައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމް/ޕީއެންސީގެ އިތުރުން އެމްޑީއޭ އަދި އަމިއްލަ ބައެއް މެންބަރުންގެވެސް ސޮޔާއެކުގައެވެ. މި މައްސަލައިގެ ނޯޓިސްވެސް މަޖިލީހުގެ އިދާރާއިން ވަނީ އެ ދެބޭފުޅުންނަށް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކުގައެވެ. އެހެންކަމުން މިހާރު ތިބި މެންބަރުންގެ އަދަދަށްބަލާއިރު މި މައްސަލަ ހުށަހެޅުމަށް ބޭނުންވަނީ 22 މެންބަރުންގެ ސޮޔެވެ.

މި މައްސަލަ ކުރިއަށް ނުގެންދަން ނިންމަވާފައިވާކަން ހާމަކުރައްވައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާސިރާޖު ވިދާޅުވީ މިވަގުތު އެ މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވަނީ ކަމަށެވެ. އަދި އެކަން މިހާރު މަޖިލީހަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.