ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅޭބަޔަކީ މުނާފިގުން ކަމަށާއި އެ މީހުން ވާހުށީ ނަރަކައިގެ އެންމެ ދަށު ވަތްގަނޑުގައި ކަމަށް މާތް الله ވަހީކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ޝައުބާން މަހާއި ހެޔޮއަމަލު ކުރުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ބައެއް ވަގުތުތަކާއި ބައެއް ތަންތަން, އެހެން ވަގުތުތަކާއި ތަންތަނަށްވުރެ މާތް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރަމަޟާން މަސް މާތް ކުރައްވައި, ގަދަރު އުފުލިގެންވާ ރެއެއް އެ މަހުގައި ލެއްވި ކަމަށް ބުންޏެވެ.
އަހަރެމެންނާ ކުރިމަތިލާފައި މިވަނީ، ޝައުބާން މަހަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހާއްސަ މަހެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ އެމަހަކީ ރަހުމަތުން ފުރިގެންވާ މަހަކަށްވާތީ, އެ މަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ، ރޯދައިގެ މަތިވެރިކަމާއި ރޭއަޅުކަމާއި ގުރްއާން ކިޔެވުމާއި އިއުތިކާފު ކުރުމާއި ހެޔޮ އަމަލުތައް ކަމަށެވެ.
އަދި އެ މީހަކަށް ކުޅަދާނަވި މިންވަރަކުން ހެޔޮ އަމަލު ކުރުމުގައި ދެމި ހުންނަން ހަނދާން ބަހައްޓަންޖެހޭ ކަމަށާއި އެއީ ކީރިތި ރަސޫލާގެ އިރުޝާދުފުޅުތަކަށް ބަލާއިރު މާތް الله ގެ ހަޒުރަތުގައި ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު އަމަލަކީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ އަމަލު ކަމަށްވާތީ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެއް ކަމަށާއި އެ ވަގުތު އަންނާނީ ކިހިނެތް, ކޮންއިރަކު, ކޮންތާކުހުއްޓައި ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށެވެ.
އެހެންވެ ވެހޭތާ ފެންނަގާށޭ ބުނާ ފަދައިން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ. އަދި ހެޔޮ އަމަލުކުރުން އިތުރުކުރުމަކީ ގަސްދަކާ ނުލައި ކުރެވޭ ފާފައިން މާތް الله އެކަލާނގެ އަޅުން ސަލާމަތް ކުރައްވާނެ ކަމެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ, މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫން ކަމަށާއި މުސްލިމުންނަކީ އަގީދާއާއި އަމަލުން މުސްލިމުންނަށް ވާންޖެހޭ ބައެއް ކަަމަށެވެ. އަދި ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅޭބަޔަކީ މުނާފިގުން ކަމަށާއި އެ މީހުން ވާހުށީ ނަރަކައިގެ އެންމެ ދަށު ވަތްގަނޑުގައި ކަމަށް މާތް الله ވަހީކުރައްވާފައިވާ ކަމަށް ބުންޏެވެ.

ގުޅުންހުރި
ގޭސްވުމާއި ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. ޑިއޭގޯއަށް މިހާރު އޮންލައިންކޮށް
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ
ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ސަރުކާރު ހިންގާ ޕީއެންސީއަށް، 13
ވަގު ގޯތި މައްސަލަ: އެޗްޑީސީން ފިޔަވަޅު އެޅި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުން ޑޮލަރު ލިބޭނެ ގޮތް ހަދައިދޭނަން:
ތެލާއި ކާޑު ގެނައުމަށްވުރެ އިސްކަންދެނީ ދަރިވަރުންނަށް ފައިސާ ދޭން: ރައީސް