މެރީނާ މަޝްރޫއު ހިންގަން އަބޫ ދާބީ ކުންފުންޏަށް ދިނީ ދެ ހުޅުމާލެއަށްވުރެ ބޮޑު ބިމެއް!

ފުށިދިއްގަރުފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓެއް ހަދަން އަބޫ ދާބީގެ މަޝްހޫރު ކުންފުނި, އީގަލް ހިލްސްއަށް ދިނީ ހުޅުމާލެއަށްވުރެ ބޮޑު ބިމެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ގެ ނަމުގައި ހިންގާ އެ މަޝްރޫއުއަކީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރީ އިއްޔެ އެވެ. އީގަލް ހިލްސްއަކީ ބުރުޖު ހަލީފާ އަދި ދުބާއީ މޯލް ހެދި އިމާރު ޕްރޮޕަޓީސްގެ ވެރިޔާ މުހައްމަދު އަލްއައްބާރުގެ ކުންފުންޏެކެވެ.

ޕީއެސްއެމްގެ ’ރާއްޖެ މިއަދު‘ ޕްރޮގްރާމުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ, ރަސްމާލެއިން ހިއްކާ 1150 ހެކްޓަރުގެ ތެރެއިން މެރީނާ މަޝްރޫއު ހިންގަން ދީފައިވަނީ 500 ހެކްޓަރު ކަމަށެވެ. އަދި ބާކީ އޮތް 600 ހެކްޓަރަކީ މީހުން ދިރިއުޅެން އޮންނާނެ ތަނެއް ކަމަށްވެސް ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އެއްކޮށް އެއީ 468 ހެކްޓަރެވެ.

ޒަރީރު ވިދާޅުވީ, ކުރިއަށް އޮތް ދެ މަސް ތެރޭގައި މެރީނާ މަޝްރޫއު އިފުތިތާހުކުރާނެ ކަމަށެވެ. އެއާއެކު މަޝްރޫއުގެ ޔަގީންކަމެއްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ 5,000 ހައުސިން ޔުނިޓް ތަރައްގީ ކޮށްދޭނެ ކަމަށާއި އެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.