ރާއްޖޭގެ މާލީ ނިޒާމާމެދު އިތުބާރު ގެއްލޭ ގޮތަށް ދޮގު ވާހަކަ ފަތުރަނީ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅާން ކަމަށާއި އެކަން ނުކުރުމަށް ސަރުކާރުން މިއަދު އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ދައުލަތް އޮތީ ބަނގުރޫޓް ވެދާނެ ހާލަތެއްގައި ކަމަށާއި އެހެންވެ އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ހަބަރުތަކެއް ދައުރު ކުރަމުންނެވެ.
އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމާ މެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
”މިއީ ސަރުކާރުން ގެންނަން މަސައްކަތް ކުރާ އިގުތިސާދީ އަދި ފިސްކަލް ރިފޯމަށް ހުރަސްއެޅުމަށް ކުރަމުންދާ ކަމެއް،“ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، އިގުތިސޯދު ވަރުގަދަ ކުރުމަށްޓަކައި ފަށާފައިވާ އިސްލާހީ އެޖެންޑާގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި މާލީ ނިޒާމާ މެދު އޮތް އިތުބާރު ދަމަހައްޓާނެ ކަމަށެވެ.
އަދި މި ސަރުކާރަށް ވާރުތަވެފައިވާ މާލީ ދަތިތަކާއެކު ވެސް، ރާއްޖޭގެ އިގުތިސާދީ ދުވެލި، އުންމީދު ކުރި ވަރަށްވުރެ ރަނގަޅު ކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނެފައިވާ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން، ރާއްޖޭގެ އިގުތިސޯދާ މެދު ބޭރުގެ އިތުބާރު ހޯދަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ ކަމަށް ހުރަސްއެޅޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.




ގުޅުންހުރި
އެއް ކޮޓަރި ފުލެޓު ދޫކޮށްލުމުން، ތިން ކޮޓަރިއަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު
ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް
މީހަކު 100 އަށްވުރެ ގިނަ ކާޑުގެ ޑޮލަރު ލިމިޓު ބޭނުންކުރި މައްސަލައާއެކު
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް ހަވަނަ ފަހަރަށް ރާއްޖެއަށް
ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ