ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ކުރިއަށް އޮތް މަޖިލިސް އިންތިހާބު އެ މަނިކުފާނަށް ކާމިޔާބު ކޮށްދޭންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު، ދެކުނުގެ ހަތަރު އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ވަނީ ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޝަހީމު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން ފެށިގެން މިވީ 13 ދުވަހުގެ ތެރޭގައި ގައުމު އަމާންކަމަށްޓާކައި ހިތްވަރާއި އަޒުމާއެކުގައި އެ މަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ވެރިކަމާ ރައީސް މުއިއްޒު ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ 120 ބިލިއަން ރުފިޔާއިން ބޭރަށް ދަރާފައިވާ ކަމަށާއި ސަރުކާރުގެ މުއައްސަސާތަކާއި މިނިސްޓްރީތަކާއި ކުންފުނިތައްވެސް އޮތީ ދަރަނިވެރިވެފައި ކަމަށެވެ. އަދި މިނިވަންކަމާއި ސިޔާދަތަށްވެސް އޮތީ ލޮޅުން އަރާފައި ކަމަށް ވިދާޅުވި އެވެ.
”މި ކަންކަމުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ހިތްމަތާއި ހިތްވަރާއި ކެތްތެރިކަމާއެކުގައި މަސައްކަތް ކުރައްވަމުންދާ ޒުވާން، ވަރުހުރި ރައީސެއްގެ ވެރިކަން 13 ހަފުތާގެ ތެރޭގައި ގުޑުވާލަން މި މަސައްކަތް ކުރަނީ އެއީ ކީއްވެގެންތޯ ވިސްނާލަންޖެހޭ،“ ޝަހީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، 13 ހަފުތާއަކީ ރައީސަކު އަޒުލުކުރުމަށް އިންސާފުވެރި މުއްދަތެއް ނޫން ކަމަށެވެ. އެހެންވެ އިދިކޮޅުން ދައްކާ ދަޅައިގައި ނުޖެހި، މި ވެރިކަން ނެގެހެއްޓުމަށްޓަކައި ރައީސް މުއިއްޒަށް މަޖިލިސް އިންތިހާބު ކާމިޔާބު ކޮށްދޭންޖެހޭ ކަމަށް ވިދަޅުވި އެވެ.
”އެކަމުގެ މައްޗަށް ފަހުން ހިތާމަކުރަން ނުޖެހޭނެ …. މުއިއްޒު ވެރިކަން ކުރައްވަމުން އެ ގެންދަވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެންނެއް ނޫން. ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ޓީމުން ރާއްޖޭގައި ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ދިވެހި ގައުމަށްޓަކައި،“ ޝަހީމު ވިދާޅުވި އެވެ.




ގުޅުންހުރި
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި