އޮކްޓޯބަރ 5, 2024

ބިންވެރިޔާ ސްކީމް: 8،250 މީހަކާއެކު ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކޮށްފި

ކުރީގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި ’ބިންވެރިޔާ ސްކީމް’ގެ ދަށުން މިހާތަނަށް ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް 8،250 މީހަކަށް ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ގޯތި ދޫކުރީ ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭން އޮތީ ނިންމައިފައެވެ.

އެ މަސައްކަތުގެ ދަށުން މިހާތަނަށް ކުރިއަށް ގޮސްފައިވާ މަސައްކަތުގެ ތަފުސީލު މީޑިއާއާ ހިއްސާކޮށް، ހައުސިން މިނިސްޓްރީން ބުނީ 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާއިރު އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް 212 މީހަކާ އެކު ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން ބިން ލިބިފައިވާކަމުގެ ލިޔުން 118 މީހަކާ ހަވާލުކޮށްފައިވާއިރު 303 މީހަކާ އެ ލިޔުން ހަވާލު ނުކުރާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެޕްލިކަންޓް/ އެޕްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާ 16 މީހަކާއެކު އަދި އެޕްލިކަންޓް/ އެޕްލިކަންޓުން މަރުވުމުގެ ސަބަބުން 12 މީހަކު ސޮއެއް ނުކުރެވެއެވެ.

އޭގެ އިތުރުން ބިން ލިބިފައިވާ މީހުންގެ ތެރެއިން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 މީހަކާ އެކު އެއްބަސްވުމުގައި ސޮއެއް ނުކުރެވެއެވެ. އެ މީހުންނާއެކު ސޮއި ނުކުރެވެނީ ކޮން ސަބަބުތަކެއް ހުރެގެން ކަމެއް ނުބުނެއެވެ.

މިނިސްޓްރީން ބުނީ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ބިންތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ނުކުރެވި ވާ މީހުންނަށް، އެ ހަވާލު ކުރުމަށް ކުރުމަށް ގުޅާނެ ކަމަށެވެ. މިނިސްޓްރީން ގުޅާނީ 4004994 އާއި 4004797 އިން ކަމަށްވެސް ބުނެފައިވެއެވެ.