ނޮވެމްބަރ 25, 2024

ދިވެހި ދިދަ މިނިވަންކަމާއެކު ވިހުރޭނީ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިގެން: އަބްދުއްރަހީމް

ދިވެހި ގައުމީ ދިދަ މިނިވަންކަންމަތީ ވިހުރޭނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު، ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރައީސް ހއ. ވަށަފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށާއި އެ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް އެ މަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި މިނިވަންކަން ކަށަވަރު ނުވެ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގޭނެތީ، ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެެމެހެއްޓުމުގެ މަސައްކަތްޕުޅު ކަމަށް ވިދާޅުވި އެވެ.

”ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ދިވެހިރާއްޖޭގެ ދިދަ މިނިވަންކަމާއެކީގައި ވިހުރުމަށް ކޮންމެހެން މުހިންމު ކަމެއް. އެ ދިދަ ފެއްސާއި ރަތާއި ހުދުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ގައުމުގައި ފަހުރުވެރިކަމާއެކީގައި ވިހުރެމުންދާނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ލިބިގެން،“ އަބްދުއްރަހީމް ވިދާޅުވި އެވެ.