އޮކްޓޯބަރ 6, 2024

މަޖިލިސް އިންތިހާބު ރޯދަ މަހަށް ފަހު ބާއްވަން ފާސްކުރި ބިލު ރައީސް ތަސްދީގެއް ނުކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލު ތަސްދީގު ނުކުރައްވައި، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 11 ފެބްރުއަރީ 2024 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ތެރެއިން 46 މެންބަރުންގެ ވޯޓުންނެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައި ބުނަނީ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން ކަމަށް ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނީ، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުން، އެ ބިލު މިއަދު އަނބުރައި ފޮނުއްވައިލެއްވީ އެ ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޒުވާ ކަންކަމާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖުރާއާތުތައް ކަނޑައަޅާފައިވާތީ ކަމަށެވެ.

އަދި އެކަންތައްތައް ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިސްލާހުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާ ނުކުތާތައް:

1- މިހާރު ބިލު އޮތް ގޮތުން ވޯޓު ދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުން.

2. އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ ”ފޯކަލް ޕޮއިންޓް“ ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީ އިރު، އެ ފޯކަލް ޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން، ފަދަ އެއްވެސް ތަފުސީލެއް ބިލުގައި ބަޔާންވެފައި ނެތުން.

3. ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރިން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ބުނެފައިވީ ނަމަވެސް ބިލުގައިވާ ގޮތަށް އިންތިޚާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަންކަން ނިންމާ ނުލެވުމުގެ އިހްތިމާލު އޮތުމުން އެފަދަ ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ހިލާފުވާނޭ ކަމެއް ކަމަށް ވުން.

4. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގައުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނެފައިވީ ނަމަވެސް އިންތިހާބުގެ ތާރީޚަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށް ކަމަށް ބެލުމުގެ ފުރުސަތު އޮތުން.

5. އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހް ބަދަލުކުރުމަކީ އިންތިހާބާ މެދު އޮތް އިތުބާރު ގެއްލޭނެ ކަމަކަށްވުން