ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށާއި ސިޔާސީ މަގާމުތަކަށް ވަޑައިގެންނެވުމަށް މަޖިލީހުގެ ހަތް މެންބަރަކު، މެންބަރުކަމުން އިސްތިއުފާ ދެއްވުމުން މަޖިލީހުގެ މެންބަރުން ގުނުމުގައި ހުސްވި ގޮނޑިތައް ނުހިމަނަން އެމްޑީޕީން މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާއަށް ތިން އަކުރެއް އިތުރުކުރަން ހުށަހަޅައި، 18 ޑިސެމްބަރު 2023ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ފާސްކުރި އެވެ.
އެ އިސްލާހާއެކު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ މިހާރު 54 މެންބަރުންނެވެ. ނަމަވެސް އެމްޑީޕީން މަޖިލިސް ގަވާއިދަށް ގެނައި އެ އިސްލާހުތައް ބާތިލުކުރަން ބަންޑާރަ ނައިބުގެ އޮފީހުން ސްޕްރީމް ކޯޓަށް 28 ޖެނުއަރީ 2024 ގައި ހުށަހެޅި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ ތިން އަކުރުގައި “މަޖިލީހުގެ ޖުމްލަ މެންބަރުން” މި އިބާރާތަށް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނޫއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެކެވެ.
އަދި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާނީ ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ ގޮތަށް ކަމަށް ބަޔާންކޮށްފައި އޮތުމަކީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމުލަ އަދަދާ ހިލާފު އަދި ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި 87 ވަނަ މާއްދާއާއި 88 ވަނަ މާއްދާ އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުޒުވާ މާނަ ކުރުމެއް ކަމަށްވެސް ބުންޏެވެ.
އެ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން މަޖިލިސް ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ނުކޮށް، ކުރިން ވެސް ގުނަމުން އައި ގޮތަށް މަޖިލީހުގައި ތިބީ 87 މެންބަރުންގެ ގޮތުގައި ކޯރަމް ގުނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންނެވި އެވެ.
ބަންޑާރަ ނައިބު އެދިވަޑައިގެންނެވި ގޮތަށް މި މަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. ނަމަވެސް އެ އަމުރަށް ނުބަލައި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަޖިލީހުގައި ތިއްބެވީ 80 މެންބަރުންގެ ގޮތުގައި ބަލައިގެންނެވެ. އަދި ފަހުން މަޖިލިސް ގަވާއިދުގެ 49 (ޅ)ގެ ފަހަތަށް ތިން އަކުރުތަކެއް އިތުރުކޮށްގެން ގެނައި އިސްލާހު، މަޖިލީހުގެ އާއްމު ކޮމިޓީން ބާތިލުކޮށް މަޖިލިސް ގަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއްގެ ގޮތުގައި ހިމެނި އެވެ.
އެގޮތުން ގަވާއިދުގެ 242 ވަނަ މާއްދާގެ އެކެއްގެ ގޮތުގައި ހިމަނާފައިވާ މި މައްދާގެ (ހ)ގައި ބުނަނީ، ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކި ވުމުގެ ސަބަބުން މެންބަރު ކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާއްމު އިންތިހާބާ ދެމެދު 6 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން، ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށެވެ. އަދި (ށ)ގައި ބުނަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަށް އަންނަ ބަދަލު، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލިސް ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ.
ކޮމިޓީން ގެނައި މި ބަދަލު މި މަހު 19 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 8 މެންބަރަކު ވޯޓު ދެއްވި އެވެ.
ގަވާއިދަށް ގެނައި މި ބަދަލާއެކު މަޖިލީހުގެ މެންބަރުން ގުނަމުން އައީ ހުސްވި ގޮނޑިތައް ނުހިނަމަ އެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 41 މެންބަރުންގެ ވޯޓާއި ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންގެ ވޯޓުން ރައީސްއާއި ނައިބު ރައީސް އަޒުލުވެސް ކުރެވޭނެއެވެ.
ބަންޑާރަނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ފަހަތަށް އެ މާއްދާގެ (ކ) އާއި (އ) އާއި (ވ) ގެ ގޮތުގައި ގެނައި އިސްލާހުގެ މައްސަލައަށް ވެފައި އެ އިސްލާހު މަޖިލީހުން ބާތިލު ކޮށްފައިވާތީ، އެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ސުޕްރީމް ކޯޓުން ވަނީ ބަންޑާރަ ނައިބާ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ބަންޑާރަނާއިބުގެ ފަރާތުން އެދިވަޑައިގެންފައިވަނީ، އެ އަކުރުތައް ބާތިލު ކުރިނަމަވެސް އެ އަކުރުތަކަކީ ބާތިލު އަކުރުތަކެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން މި މަައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކޮށްފައިވަނީ، މަޖިލިސް މެންބަރުކަމުން އިސްތިއުފާދިން މެންބަރުންގެ ދާއިރާތައް ނުހިމަނައި، މަޖިލީހުގެ ޖުމުލަ އަދަދު ގުނުމަކީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާ އުސޫލާއި، 72 ވަނަ މާއްދާގެ ދަށުން އިންތިހާބީ ދާއިރާތައް ތަމްސީލު ކުރެވޭ ގޮތާއި، 26 ވަނަ މާއްދާގެ (ނ)ގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގަށާއި، އަދި ހަތަރު ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރުވެރިކަމަށް އޮންނަ އޮތުމާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ހުސް ގޮނޑިތައް ނުހިމެނޭގޮތަށް، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު، މަޖިލީހުން މާނަ ކޮށްފައި ވަނީ ގާނޫނުއަސާސީގެ 18 މާއްދާއަކާ ތައާރަޒުވާގޮތަށް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ، 49 ވަނަ މާއްދާގެ (ކ) (އ) އަދި (ވ) އަކީ ގާނޫނުއަސާސީގެ 286 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށްވީނަމަވެސް އެ އަކުރުތަކަކީ މިހާރު މަޖިލީހުން ބާތިލު ކޮށްފައިވާ އަކުރުތަކެއް ކަމުން އެ އަކުރުތަކާމެދު ކޯޓުން އަޅައިދެވޭނެ އިތުރު ފިޔަވަޅެއް ނެތްކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.
މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.
ގުޅުންހުރި
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި