މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭ ކޮމާޝަލް ހާބަރުގައި ހިންގާ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގަތުމުގައި ހިންގާފައިވާ ވައްކަމާ ގުޅިގެން ތިން މީހަކަށް ދައުވާކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
އެ ވައްކަމާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން 2022 ވަނަ އަހަރު ތައްޔާރުކުރި އޮޑީޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، އެމްޕީއެލްގެ އޮޕަރޭޝަންތަކަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަަލަށް ގަތް 90.8 މިލިއަން ރުފިޔާގެ ޑީސަލްގެ ތެރެއިން ހިޔާނާތުގެ ގޮތުގައި 28.3 މިލިއަން ރުފިޔާގެ ޑީސަލް ވަނީ ގެއްލިފަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ، އެ މައްސަލާގައި ދައުވާ ކުރަން ފޮނުވި ތިން މީހުންނަކީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޗީފް މެނޭޖަރު ސ. ފޭދޫ/ ވާރުގެ، މުހައްމަދު އައިމަން އާއި އެ ޑިޕާޓްމަންޓުގެ އެސިސްޓަންޓް މެނޭޖަރު ސ. މަރަދޫ/ އާޒާދުގެ، ހަސަން ދީދީގެ އިތުރުން އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރެއްގެ ވަޒީފާގައި ހުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސޮޖިބް ކަމަށެވެ.
އެ ތިން މީހުންގެ ތެރެއިން އައިމަންގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާ އެވެ.
އެ ދައުވާ އުފުލި ސަބަބު: އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރެ، އެމްޕީއެލްއަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބުނެ، 13 ޖެނުއަރީ 2020 އިން 10 އޮކްޓޯބަރު 2020ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަނެ، ސޮއިކުރުމަށް އެ މައްސަލައިގެ ދެން ދައުވާ ކޮށްފައިވާ ހަސަން ދީދީއަށް އިރުޝާދުދީ، އެ ޑެލިވަރީ ނޯޓުތައް ސިސްޓަމުން ބަލައިގަނެ ޕްރޮސެސްކޮށް އެމްޕީއެލްއަށް ލިބިފައިނުވާ ޖުމުލަ 783،100 ލީޓަރު ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި، އެ ޑީސަލްގެ އަގަށްވާ 6.8 މިލިއަން ރުފިޔާ އެފްއެސްއެމްއަށް ދައްކައި، ޖުމުލަ 783،100 ލީޓަރު ޑީސަލްއަށް ހިޔާނާތްތެރިވެފައިވާތީ
އެ ދައުވާގެ ތެރެއިން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ މުއްދަަތަކަށް ޖަލަށްލުމެވެ.
މި މައްސަލައިގައި ހަސަން ދީދީގެ މައްޗަށް ކޮށްފައި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އެކަންޏެވެ.
އެ ދައުވާ އުފުލި ސަބަބު: އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އެސިސްޓަންޓް މެނޭޖަރެއްގެ ގޮތުގައި ހުރެ، އެފްއެސްއެމުން އެމްޕީއެލްއަށް ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރުމުގައި އެމްޕީއެލަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށް، 13 ޖެނުއަރީ 2020 އިން ފެށިގެން 10 އޮކްޓޯބަރު 2020ގެ ނިޔަލަށް ތައްޔާރުކުރި 119 ޑެލިވަރީ ނޯޓުތަކަކީ ސައްހަ ނޫން ނޯޓުތަކެއްކަން އެނގިހުރެ އެ ލިޔުންތައް ބަލައިގަނެ، ސޮއިކުރުމަށްފަހު ލިޔުންތައް ސިސްޓަމުން ބަލައިގަނެ ޕްރޮސެސް ކުރުމަށްޓަކައި ޑެލިވަރީ ނޯޓުތައް އައިމަންއާ ހަވާލުކޮށްފައިވާތީ
އެ ދައުވާގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ މުއްދަަތަކަށް ޖަލަށްލުމެވެ.
ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާއެވެ.
އެ ދައުވާތައް އުފުލި ސަބަބު: އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރެއްގެ ވަޒީފާގައި ހުރެ އެފްއެސްއެމް އިން އެމްޕީއެލްއަށް ތެޔޮ ޑެލިވަރާކުރުމުގެ މުއާމަލާތްތައް ކުރުމުގައި 13 ޖެނުއަރީ 2020 އިން ފެށިގެން 10 އޮކްޓޯބަރު 2020ގެ ނިޔަލަށް 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް، އެ ޑެލިވަރީ ނޯޓުތަކުގައި ބަޔާންކޮށްފައިވާ ޑީސަލް އެމްޕީއެލްއަށް ޑެލިވާކޮށްފައިވާ ކަމަށް ދެއްކުމަށްޓަކައި ހަސަންދީދީއާ ހަވާލުކޮށް، އެފްއެސްއެމް އިން އެމްޕީއެލްއަށް ޑެލިވަރީކުރަންޖެހޭ 783،100 ލީޓަރު ޑީސަލްއަށް ހިޔާނާތްތެރިވެފައިވާތީ
އެ ދައުވާގެ ތެރެއިން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ މުއްދަަތަކަށް ޖަލަށްލުމެވެ.
ޕީޖީގެ އޮފީހުން ބުނީ، މި މައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށްވެސް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެ ދެ މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ މިވަގުތަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން މި މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ، އެ އޮފީހަށް މިހާތަނަށް ބަލައިގަނެފައިވާނީ އެ މައްސަލައިގައި ހިޔާނާތްތެރިވީ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައި ކަމަށްވެސް ޕީޖީގެ އޮފީހުން ބުންޏެވެ.
ގުޅުންހުރި
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި