ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްޤީ ގެނެސްދޭން ބޭނުންވާކަމަށާއި، ރެޔާ ދުވާލު އެމަނިކުފާނުގެ ފޯކަސް ހުރީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަލިފުށި ސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށި ތަރައްޤީކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވައި އެ ރަށުގެ ފަތުރުވެރިކަމާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާނެ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.
”އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެދޭން“ ކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ހަވާލުވާތާ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ހުރިހާކަމެއް ފުރިހަމަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިއްޔެ ތަޢާރަފުކުރި އެއަރ އެމްބިއުލާންސާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންނަށް އަމިއްލައަށް މި ޚިދުމަތް ދެވޭނެ ގޮތް މިކަމުގެ ސަބަބުން ހަމަޖެހިގެން ދާނެކަމުގައެވެ. މީގެ އިތުރުންވެސް، މި ސަރުކާރުން، ދެން ހުރި ކަންކަމުގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތްކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަށާފައިހުރި މަޝްރޫޢުތައް ނިންމުމުގައި ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައި ހުރީ ގިނަ މަޝްރޫޢުތައް ނިންމެވޭވަށް ވުރެ މާ ކުޑަ ބަޖެޓެއް ދީގެން ކަމަށެއެވެ. އެހެންނަމަވެސް އިތުރު ގޮތްތައް ހޯއްދަވައިގެންވެސް ރަށްރަށުގެ ތަރައްޤީއަށް ފަށާފައި ހުރި މަޝްރޫޢުތައް ނިންމަވައި، އަދި އިތުރަށް މި ސަރުކާރުންވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ވަޢުދުވެފައިވާ ކަންކަންވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
އަލިފުއްޓަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ފުރަތަމަ މަންޒިލެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު މި ދެއަތޮޅުގެ އަތޮޅު ކައުންސިލާއި، ދެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ
އަންނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރާނަން, ކާމިޔާބުވެސް ކުރާނަން: ނަތަންޔާހޫ
އެއްބަސްވުމާ ހިލާފުވެ, އިޒްރޭލުން އެއް އާއިލާއެއްގެ 11 މެންބަރުން ޝަހީދުކޮށްލައިފި، ގިނައީ
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު
1.9 މިލިއަންގެ ވަގު ޓީޓީ މައްސަލަ: 38 އަހަރުގެ ޖަލު ހުކުމުން
ނަމާދަށް ރައްކާތެރިނުވާ މީހާ ގިޔާމަތް ދުވަހު ވާހުށީ ގާރޫނާއި ފިރުއައުނާއި ހާމާނާ