އޮކްޓޯބަރ 5, 2024

ދައުރު ނިމޭއިރު ކޮންމެ ރައްޔިތަކު ވެސް މުއްސަންޖަކަށް ހަދަން ބޭނުން: ރައީސް

އެ މަނިކުފާނުގެ ދައުރު ނިމޭއިރު، ކޮންމެ ރައްޔިތަކު ވެސް މުއްސަންޖަކަށް ހަދަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން، ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވެގެން ދިއުން ކަމަށާއި މަސައްކަތް ކުރައްވަނީ އެ އަމާޒު ހާސިލުކުރެއްވުމަށް ކަމަށެވެ.

”ކޮންމެ ފަރުދަކު، ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައި ވާން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ މި ދައުރު ނިމޭއިރު. މުއްސަނދިކަން އެއީ އާމްދަނީގެ ގޮތުން ލިބޭ މުއްސަނދިކަން، ފުދުންތެރިކަމުގެ ގޮތުން ގެދޮރުވެރިކަން ހާސިލުވެގެން ލިބޭ މުއްސަނދިކަމަށް ވާން، އިޖުތިމާއީގޮތުން ލިބޭ ހިތްހަމަޖެހުމުގެ ތެރެއިން ހިތަށް ލިބޭ މުއްސަނދިކަން، އަޅުގަނޑުމެންގެ ދިރިއުޅުން ފަހިވެގެން ގޮސް އަޅުގަނޑުމެންގެ ދަރިންނަށް ބޭނުންވާ ކަންތައްތައް ފަހިކުރެވިގެން ގޮސް އެ ލިބޭ އުފާވެރިކަމުގެ މުއްސަނދިކަން ލިބެން،“ ރައީސް ވިދާޅުވި އެވެ.

ގައުމު އޮތީ ސަލާމަތްތެރިކަމާއި މިނިވަންކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވެފައިކަން ޔަގީންވެގެން އެ ލިބޭ އިހުސާސްގެ މުއްސަނދިކަން ގެންނަން ބޭނުންފުޅުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސައްކަތް ކުރައްވާނީ އެ މަގުން ކަންކަން ކުރެއްވުމަށް ކަމަށެވެ. އަދި އިގުތިސާދީ ތަރައްގީ ހާސިލުކުރުމަށްޓަކައި ކުރަން ހުރި ހުރިހާ ކަމަކަށް ވަރަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ވައިގެ ބަނދަރުތައް އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ފަތުރުވެރިކަން ފުޅާކުރެވިފައިވާ އަދި ފުޅާކުރުމުގެ ފުރުސަތު ބޮޑު ދިމަދިމާލުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާޕޯޓުތައް އެޅުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.