އޮކްޓޯބަރ 5, 2024

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލްގެ މައްޗަށް 8 ލައްކަ ރުފިޔާގެ ދަރަންޏެއް ދައްކަން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ މައްޗަށް 8 ލައްކައަށްވުރެ ބޮޑު ދަރަންޏެއް ސާބިތުވެ، އެ ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އިސްމާއިލްގެ މައްޗަށް ސާބިތުވީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް ހަދަން އެޑިއުކޭޝަން މިނިސްޓްރީން 2018 ވަނަ އަހަރު އޭނާގެ ކުންފުންޏަށް ދިން މަޝްރޫއެއް، ސަބް-ކޮންޓްރެކްޓަރަކާ ހަވާލުކޮށް، އެ ފަރާތަށް ދޭންޖެހޭ 856،830 ރުފިޔާ ނުދީ އޮތުމުން އަރާފައިވާ ދަރަންޏެވެ.

މި މަޝްރޫއުގެ ސަބް-ކޮންޓްރެކްޓްކުރީ ހ.ވަލަންޖު/ މޫސާ ހަލީލް ކިޔާ މީހެކެވެ. އޭނާ ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނަނީ އޭނާ އަމިއްލަ ތަކެތީގައި ކުރި މަސައްކަތާއި އަަގަށް އިސްމާއިލް 1.2 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ.

ނަމަވެސް އެ ފައިސާގެ ތެރެއިން މިހާތަނަށް ލިބުނީ 425،000 ރުފިޔާ ކަމާއި ކޯޓު މެދުވެރިކޮށް ހޯދަން އެދެނީ 856،830 ރުފިޔާ ކަމަށް މޫސާ ހަލީލްގެ ދައުވާގައިވެ އެވެ.

މި ދައުވާއަށް ޖަވާބުދާރީވާން އިސްމާއިލަށް ދިން 14 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް، ދައުވާއަށް ޖަވާބުދާރީވެފައި ނުވާތީ، މިދިޔަ މަހުގެ 29ގައި އޭނާގެ މައްޗަށް އެ ދަރަނި ސާބިތުވާ ކަމަށް ސިވިލް ކޯޓުން ނިންމީ އޭނާގެ ގައިރު ހާޒިރުގަ އެވެ.

ސިވިލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އިސްމާއިލް އާއި ހަލީލާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތަށްވާ ފައިސާ ދައްކާފައިނުވާކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންވެ މޫސާ ހަލީލަށް ދޭންޖެހޭ 856،830ރ. 15 ދުވަހުގެ ތެރޭ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށް ހުކުމް ކުރި އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ހަމައެއް ނުވާނެ އެވެ.

އެހެންކަމުން، 15 ދުވަސް ތެރޭގައި މެންބަރު އިސްމާއިލް މި ދަރަނި އަދާ ނުކޮށްފި ނަމަ، އޭނާގެ ގޮނޑިއާ މެދު ސުވާލު އުފެދޭނެ އެވެ. އޭނާ މިހާރު ވެސް ގެންދަނީ އަންނަ މަޖިލީހަށް ދުވާފަރު ދާއިރާ އިން އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަމުންނެވެ.