އޮކްޓޯބަރ 5, 2024

ފޭސް ދޭކުން ގޯތި ދޫކުރީ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް: އަކްރަމް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ދޭކުން ގޯތި ދޫކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދިން ލޭންޑް ޔޫޒް ޕްލޭންއާ އެއްގޮތަށްކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން އެކްސްގައި މިއަދު އާންމުކުރި ވީޑިއޯއެއްގައި ފޭސް ދޭކުން ދޫކޮށްފައިވާ ބައެއް ގޯތިތައް ހުރީ ފެނާއި ނަރުދަމާގެ ސާވިސް ލައިން މަތީގައި ކަމަށެވެ. އެހެންވެ ބައެއް ފަރާތްތަކަށް ގޯތި ހަވާލުކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.

އަކްރަމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެޗްޑީސީން އެގޮތަށް މައުލޫމާތު ހާމަކޮށްފައިވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި ކަމަށެވެ.

”ބިންތައް ދޫކޮށްފައިވަނީ އެޗްޑީސީއިން ތައްޔާރު ކުރައްވާ ދެއްވި ލޭންށޑް ޔޫސް ޕްލޭންއާ އެއްގޮތަށް. ފާހަގަ ކުރައްވާފައިވާ ގޮޅިތައް ގޯތީ ގެ ޕްލޮޓްތައް ވަނީ އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައަޅާފައި“ އަކްރަމް ވިދާޅުވިއެވެ.

ގޯތި ދޫކުރި ސަރަހައްދުގެ ބިމު އަޑީގައި އެއްޗެހިތަކެއް ހުރިކަން އެއިރުގެ ހައުސިން މިނިސްޓްރީއަށް ނޭނގޭ ކަމަށާއި އެކަން އެނގިފައިނުވަނީ އެޗްޑީސީން އެ މައުލޫމާތު ހިއްސާކޮށްފައި ނެތުމުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެޗްޑީސީން ކަންތައް އޮޅުވާލަން މަސައްކަތް ކުރެއްވިޔަސް އެކަމުން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ގޯތީގެ ކަންކަމުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލާކަމަށް އަކްރަމް ވިދާޅުވިއެވެ.