އިޖްތިމާޢީ ހަމަޖެހުން ގެއްލި، އެއް ބަޔަކު އަނެއް ބަޔަކާ ޖެހި، މޫނުކެނޑޭ އެއް ކަމަކީ، ސިހުރު ހާހޫރަ އާއި ކަހީނުކަމެވެ. މިއީ އާންމުކޮށް ހުރިހާ އިންސާނުންގެ ތެރޭ ހިނގާ ކަމެކެވެ. ހަމައެކަނި އިސްލާމުންގެ ތެރޭ އޮތް ކަމެއް ނޫނެވެ. ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް މިއީ އާންމު މަސްލަޙަތާއި ފަރުދީ މަސްލަޙަތު ވަރަށް ބޮޑަށް ގެއްލިދާ ކަމެކެވެ. ސިހުރުޖެހޭ މީހާއަށް ލިބޭ ގެއްލުންތަކުން އަރައިނުގަނެވި އޭނާއާއި އޭނާގެ މުޅި ޢާއިލާ ވޭނާ ކެކުޅުމުގައި އުމުރުދުވަހު އުޅެންޖެހޭ ހިސާބަށް ވެސް ކަމުގެ ނުރައްކާ ފޯރާފައި އެބަހުއްޓެވެ.
ލަދުވެތި ވުމެއް، ބިރުވެތި ކަމެއް، އަދި ކުޑަ ވެސް ޖެހިލުމެއް ނެތި، ފައިސާ އާއި ޖާހު މަތިވެރި ކުރުމަށް ނުވަތަ ބައެއް ފަހަރު އަޖުމަ ބަލަން ވެސް ކަހީނުކަން ކުރުން މުޖްތަމަޢު ތެރޭ މިއަދު މި ވަނީ ފާޅުވެ އާންމު ވާން ފަށާފައެވެ. ދެރަކަމަކީ އިސްލާމީ މި ކުޑަކުޑަ މުޖުތަމަޢުގައި އެކަކުއަނެކަކު ދެނެތިބެ ސިހުތު ހަދުވަން ބޮޑެތި ޢަދަދުން ފައިސާ ދީގެން މީހުން އުޅޭ ކަމުގެ ހިތާމަވެރި ޚަބަރު އަޅުގަނޑު ވެސް އަހައިފީމެވެ.
ގުނަމުން މިދާ ރަމަޞާންމަހުގެ ދުވަސްތަކުގައި ވެސް މި ކަމަށް ހުއްޓުމެއް ނާންނަކަމީ ހިތާމަ އިތުރުވާ ކަމެކެވެ. އެންމެ ބޮޑަށް ޙައިރާންވާން ޖެހެނީ ކުރިޔައް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބުވޭތޯ ނުކުމެ އުޅޭ ބައެއް މީހުން، އެ މީހުން އުންމީދުކުރަމުން އަންނަ ގޮނޑި ކަށަވަރު ކުރެވޭނީ ސިހުރު ވެސް ހަދައިގެންކަން ޤަބޫލުކުރާތިއެވެ. ސިހުރު ހަދުވަން އޭނާ ކަހީނެއްގެ ގާތަށް ދާއިރު އަމިއްލަ ނަފުސާ ސުވާލުކޮށްލުން ރަނގަޅު ނޫންތޯއެވެ. [އެ ކާހިނުކަލޭގެ ސިހުރު ހަދައިގެން ތަނަވަސް ކަމާއި ޖާހާ މަތީ މަޤާމު ނުހޯދަނީ ފަހެ ކީއްވެބާއެވެ؟]
ލޮބުވެތި ކިޔުންތެރީންނެވެ! އެއްވެސް ބޭފުޅަކު ﷲގެ ކުޅަދުންވަންދަކަމާއި އެ އިލާހުގެ ދީލަތި ދެއްވުން ތަކުގެ މަތީން ހަނދުމަ ނެތި ނުކުރާށެވެ. އެއީ ދަންނަވާ ކޮންމެ ދެންނެވުމެއް އައްސަވާވޮޑިގެންވާ އިލާހެވެ. އެދޭ ކޮންމެ އެދުމެއް ފުއްދަވައިދެއްވަވާ އިލާހެވެ. ބޭނުން ކޮންމެ އެއްޗެއް ދެއްވަވައި އިލާހވެ. ކުރާ ކޮންމެ ދުޢާ އެއް އިޖާބަކޮށްދެއްވަވާ އިލާހެވެ. އެ އިލާހަށް ދެންނެވުމުގެ ބަދަލުގައި ތިބާކަހަލަ، އަދި ކިޔެއް ތިބާއަށް ވުރެވެސް ނިކަމެތި ޙާލުގައި އިންނަ ނަޖިސް މުޑުދާރު މީހެއްގެ ގާތައް ގޮސް ކަންކަމުއެދެން ހެޔޮނުވާނެއެވެ. އޭނާގެ ދަރުކޮށްތު އޭނާ ހޯދަނީ އެހެން އިންސާނުންނަށް ދޮގާ މަކަރު ހަދާ އޮޅުވައިލައިގެންނެވެ. ކަންކަމު އެދި އަންނަ މީހާގެ ލޯމައްޗަށް ޙަޤީޤަތާ ޚިލާފު އެތައް ދަޅައެއް ދައްކައިގެންނެވެ. އަދި މީގެ އިތުރަށް އޭނާގެ ވާދަވެރިޔާއަށް އަނިޔާވާނޭ އެތައް ކަމެއް ސިޙުރުގެ ޒަރިއްޔާއިން ކޮށްގެންނެވެ.
ޖިންނި ޝައިޠާނުން ބޭނުންކޮށްގެން ކުރާ މިފަދަ ކަންކަމުން ޙަޤީޤަތުގައި އެއްވެސް ބަޔަކަށް ފައިދާ އެއް ނުވެއެވެ. އެހެން ބަޔަކަށް އެކަމުން ގެއްލުން ލިބެނީއެވެ. ނުރައްކާތެރި ބޮޑެތި ގެއްލުންތަކެވެ. އެ މީހުން ބަލިކޮށް އަނިޔާދިނުމުގައި ޝައިޠާނުން ކާހިނަށް އެހީތެރިވަނީއެވެ. މިފަދަ ކޮންމެ ކަމަކުން ގެއްލުންލިބެނީ މައުސޫމު އެތައް ބަޔަކަށެވެ. ވަކި ވަނީ އެތައް ދެމަފިރިއެކެވެ. ރޫޅެނީ އެތައް ޢާއިލާއެކެވެ. ކެނޑިގެންދަނީ ރަހިމުގެ އެތައް ގުޅުމެކެވެ.
މިހާރަކަށް އައިސް ފާހަގަ ކުރެވޭ އަނެއް ކަމަކީ ސިހުރު ހަދާ މީހާއަށް ވެސް މާބޮޑަށް ކަމުގެ ޙަޤީޤަތް ނޭނގޭކަމެވެ. އަޖުމަބަލަން ދަސްކުރަން އަލައްފަށައިގަނެގެން ތަޖުރިބާހޯދަން އުޅޭ މީހުން މިކަމުގައި ވަރަށް ގިނަވެއްޖެއެވެ. މިގޮތަށް ކުރެވޭ ކަންކަމުގެ ސަބަބުން، އެ ސިހުރުން ގެއްލުންދޭން އޭނާ ގަސްތުކުޅަ މީހާ ނޫން އެހެން މީހަކަށް ގެއްލުން ލިބޭ ފަހަރު ވެސް މަދެއް ނޫނެވެ. އެ ކަމުގެ ޝިކާރައަށް މުސްކުޅިންނާއި ކުޑަކުދިން ވުމުގެ ސަބަބުން، ގޮތްހުސްވެ މާޔޫސްވެ ނިކަމެތި ވެފައިވާ އެތައް ޢާއިލާއެއް މިއަދު ދިވެހިރާއްޖޭގައި ތިބި ކަމީ ހިތާމައެކެވެ.
ސިޔާސީ ފޯރިއާއި ވިޔަފާރީގެ ވާދަ ނުވަތަ ގެދޮރުގެ ދަހިވެތިކަމަށް ނޫންވިއްޔާ ލޯބީގެ ނަމުގައި ނަހަމަ އެތައް ކަމެއް ކުރުމަށް، އިންސާނީ ބާރުން އެކަންކަން ނުވާނެ ކަމަށް ބަލައި، ރޫޙާނީ ބާރުވެރިކަން ހޯދުމަށް ޖިންނީންގެ ކިބައިން މަދަދު އެދޭ ބަޔަކު، އެ ކަމެއް އެ ކުރަނީ އޭގެން ލިބިދާނެ ގެއްލުމާއި ނުރައްކާ ނޭނގޭތީއެވެ. އެ ކަމަކީ ޖާހިލިއްޔަ ޒަމާނުގެ ޢަމަލެކެވެ. އޭގެ ސަބަބުން އެ ކަންކުރާ މީހާއަށް ކާފިރުކަން ނޫނީ އިތުރު ނުވެއެވެ. ޖިންނި ސޫރަތުގައި ﷲ ވަޙީކުރައްވަނީ ﴿وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا﴾ (الجن: ٦) މާނައީ: [އަދި އިންސީންގެ ތެރެއިން ފިރިހެން ބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެން ބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައި ވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) ކާފިރުކަމާއި ބޮޑާކަން އިތުރު ކުރޫއެވެ.]
އިންސީންނެކޭ އެއްފަދައިން ޖިންނީންނަކީ ވެސް ﷲގެ މަޚްލޫޤުންނެވެ. މަޚްލޫޤުން އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ވިއެއް ކަމަކު، ޚާލިޤު މަޚްލޫޤުންނަށް އަނިޔާވެރިވެވޮޑި ނުގަންނަވާނެތެވެ. ﷲއީ އޯގާވެވޮޑިގެންވާ ރަޙްމާނުވަންތަ އިލާހެވެ. ކަމަކަށް އެދޭ ނަމަ އެދެންވީ އެ ފަރާތުގައެވެ. ދަންނަވާ ނަމަ ދަންނަވަންވީ އެ ފަރާތުގައެވެ. އެ ނޫން އެހެން ފަރާތްތަކުން ކަންކަމު އެދުމާއި، ހިމާޔަތާއި ވާގިވެރިކަން ހޯދުމަކީ ﷲގެ ކޯފާއަށް ހުށައެޅިގަތުމެވެ. ސިހުރު ފަންޑިތަ ހާހޫރައިން ސަލާމަތް ވުމަށް ވެސް އެދިދަންނަވަންވީ ހަމައެކަނި ފަރާތަކީ އެއީއެވެ. އިޚްލާޞްތެރި ހިތަކައިގެން ﷲއަށް ދަންނަވާ ނަމަ އިޖާބަ ލިބޭނެއެވެ. ހިތްދަތިކަން ފިލާނެއެވެ. ހަމަހިމޭންކަން ވެރިވާނެއެވެ. މުޖްތަމަޢު އަމާންވާނެއެވެ.
ގުޅުންހުރި
ސިއްރު ބައްދަލުވުމެއްގައި އޭސީސީ އާއި އީސީގެ 5 މެންބަރަކު ވަކިކުރަން ފާސްކޮށްފި
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް
ކަނޑުހުޅުދޫގައި ޑުރަގު މައްސަލައެއްގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގައިފި
ފުރުގާން މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފި، ހަތިމުތައް ހުރީ އުކާލާފައި
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް