މުސްލިމުންނަކީ ކިޔަމަންތެރި ބައެކެވެ. ”މުސްލިމް“ގެ މާނައަކީ ބޯލަނބައި ކިޔަމަންގަންނަ މީހާއެވެ. އޭނާ ﷲގެ އަމުރުފުޅު ތަންފީޒު ކުރާނީ ލޯތްބާއި އުފާވެރިކަމާ އެކު، އުންމީދީ ހިތަކައިގެންނެވެ. ސުވަރުގޭގެ ދާއިމީ ގޮވައްޗަށް އެދުންވެރިވެ ހުރެއެވެ. އެ އިލާހުގެ ނަހީތަކާ ދުރުހެލި ވާނީ ސަލާމަތާއި ރައްކާތެރިކަން އެދޭ ޙާލު، މަޑުމޮޅިވެފައިވާ ބިރުވެތި ހިތަކައިގެންނެވެ. ނަރަކައިގެ ވޭންދެނިވި އަޒާބުން ސަލާމަތްވުމަށް އެދޭ ޙާލުއެވެ. އިސްލާމްދީނުގެ ފަރާތުން މަތިކުރި ކޮންމެ ކަމެއް އޭނާ ބަލައިގަންނާނީ އިލާހީ ދަރުބާރުގެ މަތީ އޯޑަރެއްގެ ގޮތުގައެވެ. ތިމާގެ ހިތާއި ނަފުސު އެ ކަމަކަށް ނުހުރުންތެރި ވިޔަސް ޟަމީރުގެ އެދުން ފަހަތައްޖައްސައި، ކިޔަމަންތެރިކަން އިސްކުރާނެއެވެ.
މުސްލިމުންނަކީ ދުނިޔޭގެ އަމުރުތަކާއި ޤަވާޢިދުތަކަށް ކިޔަމަން ގަތުމުގައި، އިސްލާމީ ތަރަހައިގެ މިންގަނޑުން އެ ކަންކަން ވަޒަން ކުރާ ބައެކެވެ. ﷲއަށް އުރެދުންތެރިކަމެއް ނުވާ ކޮންމެ އަމުރަކަށް އެބައިމީހުން ކިޔަމަންވާނެއެވެ. އިސްލާމްދީނުގެ ޙުކުމަކާ ޚިލާފު އަމުރެއް އައި ނަމަ، އިސްކުރާނީ ޝަރީޢަތުގެ އަމުރެވެ. މިއީ ނަބަވީ ތަރުބިއްޔަތުގައި އިރުޝާދު އައިސްފައިވާ ގޮތެވެ. އައްނަވާސީ އިބްނު ސިމްޢާންގެ އަރިހުން ރިވާވެގެން ވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الْخَالِقِ» (رَوَاهُ فِي شَرْحِ السّنة) މާނައީ: [މަޚްލޫޤަކަށް ކިޔަމަންވުމުގައި ޚާލިޤައް އުރެދިގެން ނުވާނެއެވެ.]
ދޭދޭފަރުދުންގެ މެދުގައި ހިނގާ ހުރިހާ މުޢާމަލާތަކީ ﷲއަށް އުރެދޭ މުޢާމަލާތުތަކެއް ނޫނެވެ. މަޚުލޫޤުންގެ މެދުގައި ޚާއްޞަކޮށް އިންސާނުންގެ މެދުގައި ދިރިއުޅުމަށް ބޭނުންވާ އެތައްއެތައް މުޢާމަލާތެއް ހިނގައެވެ. ހިނގާން ވެސް ޖެހެއެވެ. އެއީ ކައުނު ތަޤުދީރުކުރައްވައިފައި އޮތް ހަމައެވެ. މިދެންނެވި މުޢާމަލާތުތައް އިމެއްގައި ބެހެއްޓުމަށް، ޤަވާޢިދާއި އުޞޫލަކީ ކޮންމެހެން ބޭނުން އެއްޗެކެވެ. އެ ޤަވާޢިދުތައް އެއްޗެއްގެ މައްޗަށް އަސާސްކުރާނޭ ޤާނޫނަކީ ވެސް އޮންނާންޖެހޭ އެއްޗެކެވެ. އެއީ އެކިއެކި ޤައުމުތަކުގައި ހަދައިފައި ހުންނަ ޤާނޫނު އަސާސީއެވެ. މި އަސާސީ ޤާނޫނު މުސްލިމުންގެ ތެރޭ އޮންނަން ވާނީ ކީރިތި ޤުރުއާނުގެ އެއްވެސް އާޔަތަކާ ފުށޫނާރާނޭ ގޮތަށެވެ. އެނގިގެން ވިޔަސް ނޭނގި ވިޔަސް، ނުވަތަ ގަސްތަކައިނުލާ އޮޅިގެން ވިޔަސް ވަޟުޢީ ޤާނޫނެއް ޝަރުޢީ ޤާނޫނަކާ ފުށޫއަރައިފި ނަމަ މުސްލިމުންގެ ގޮތަކަށް ވާނީ ޝަރީޢަތުގެ ޙުކުމް އިސްކުރުމެވެ. ވަޟުޢީ ޤާނޫނު ޖެހޭނީ އުވައިލާށެވެ. ނޫންނަމަ ޝަރުޢީހަމަތަކާ އެއްގޮތަށް އިޞްލާޙުކުރާށެވެ.
އިންސާނީ މުޖުތަމަޢުތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ޤާނޫނާއި ޤަވާޢިދަކީ މުހިންމު އެއްޗެކެވެ. ހަމައެއްލަމައެއް ނެތި ޖެހުނު ކޮންމެ ގޮތަކަށް މީސްތަކުން އުޅެން ފަށައިފި ނަމަ، ތިމާ ފަދަ އެހެން އިންސާނުންގެ މައްޗަށް ގޮތްކިޔައި، އަނެކާއަށް ބޭއިޙްތިރާމު ކުރުން އޮންނާނީ މާ ދުރަކު ނޫނެވެ. ވަކިވަކި ފަރުދުން އެ މީހުންގެ ޙައްޤު ހޯދުމުގެ ނަމުގައި އެކިއެކި މީހުންނަށް އަނިޔާވެރިވާން ފަށައިފާނެއެވެ. ރުއް ގިނަވާނީ އަޑުގަދަ މީހާގެ އެކަންޏެވެ. ނިކަމެތި މީހާ ހުންނާނީ ނިކަމެތިވެފައެވެ. އަނިޔާލިބޭ މީހުންނަށް ރައްކައުތެރިކަން ހޯދޭނޭ ގޮތެއް ނޯންނާނެއެވެ. އިސްލާމުންނަކީ ޤަވާޢިދާ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތާ މީހުންނެވެ. މަގު ހިނގުމުގައި އެހެންމީހުންނާ އެ މީހުންގެ ކިބައިން ތަފާތު ފެންނާނެއެވެ. އިޖްތިމާޢި އެކު އުޅުމުގައި އިޚުތިރާމުކުރާނެއެވެ. އަނެކާއަށް ޤަދަރާއި ޢިއްޒަތްކުރާނެއެވެ. ތިމާގެ އަމިއްލަ އެދުމަށް ވުރެ އަނެކާއަށް އިސްކަންދޭނެއެވެ. ނޭނގޭ ކަންކަމާ ބެހިނޫޅޭނެއެވެ.
ތިމާއަށް އެނގުމެއް ނުވާ ކަންކަމުގައި ބަސް ބުނާނަމަ، އެ ބަހުގެ އަޅެއް ފަދައިން އަސްލު އުޞޫލުތަކާ ޚިލާފަށް ވަކާލާތު ކުރެވެން ފަށައެވެ. ތިމާގެ ގޮތް ދެމެހެއްޓުމަށް ޤަވާޢިދުތައް މުގުރަން ފަށައެވެ. މި ގޮތުގައި ދެމިހުރެއްޖެ ނަމަ، އާޚިރު ނަތީޖާއަކަށް ވަނީ ނަފުސުގެ ދިފާއުގައި ދީނުގެ އަސްލުތަކާ ޚިލާފަށް ވެސް ވާހަކަ ދެއްކެވެން ފެށުމެވެ. ވަޟުޢީ ޤާނޫނުތަކަށް ކުޑައިމީސް ކުރުން އެކަންޏެއް ނޫނެވެ. ޝަރީޢަތުގެ ނިންމެވުންތައް ވެސް ތިމާގެ ޤައުލާ (ބުނުމާ) އިދިކީލި ނަމަ އިލާހީ ބަސްފުޅު ބޮލައިލާ ޖެހޭފަހަރު އާދެއެވެ. ތިމާގެ އަމިއްލަ ގޮތް ދެމެހެއްޓުމަށް ޓަކައި ނުކިޔަމަންތެރިކަން އިސްކުރެވެއެވެ. މިއީ އިސްލާމީ ކިޔަމަންތެރިކަމުން ބޭރު ގޮތެކެވެ. މުސްލިމުންގެ ނަމުގައި ތިބޭ އެކަކުވެސް އިސްލާމީ އަޚުލާޤު ފަސްކޮށްގެން ނުވާނެއެވެ. އޭނާގެ ބަހާއި ޢަމަލަށް ވުރެ އިސްކުރަންވާނީ އިސްލާމްދީނާއި އެ ދީނުގެ ހަމަތަކާއި އުޞޫލާއި ޤަވާޢިދެވެ.
އަމިއްލަ ޚިޔާލާއި ބުއްދީގެ ނަޒަރިއްޔާ ދީނުގެ ހުކުމްތަކުގެ މައްޗަށް އިސްކުރާމީހުން އަދުގެ ދުނިޔޭގައި ވަރަށް ގިނައެވެ. އެފަދަ މީހަކު ކަމުގައި މިއަޅާ ނުލައްވާށިއެވެ! ތިބާ ވެސް އެފަދަ މީހަކު ކަމުގައި ނުވާށެވެ! ޤަވާޢިދާއި އުޞޫލަށް ޙުރުމަތްތެރިކޮށް ހިތާށެވެ! ދީނުގެ އިމުން ބޭރުނުވާ ކޮންމެ ޤަވާޢިދަކަށް ކިޔަމަންތެރި ވުމަކީ ދެ ދުނިޔޭގައި ވެސް އޭގެ މަންފާ ލިބޭނޭ ކަމެކެވެ. އިސްލާމީ އަސްލަކާ ތަޢާރުޟުވާ އުޞޫލެއް ނުވަތަ ޤަވާޢިދެއް ނަމަ، ޙިކްމަތްތެރިކަމާ އެކު އެއާ ދުރުވެ ރައްކާތެރިވާށެވެ! އަމިއްލަ ނަފުސު އެކަމުން ސަލާމަތްކޮށްގެން ހުރެ ގާތްތިމާގެ މީހުންނާއި ރައްޓެހީން އެކަމުން ދުރުކުރާށެވެ! ހުރިހާ ކަމެއްގައި ވެސް އިޚްތިޔާރުކުރަންވާނީ ﷲ ރުހިވޮޑިގަންނަވާ ގޮތެވެ. އަމިއްލަ ގޮތާއި ހަވާނަފުސުގެ އެދުމެއް ނޫނެވެ. ކާމިޔާބު ވާނީ އޭރުންނެވެ.
ގުޅުންހުރި
ހައްގަކާ ނުލައި، ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމް
މަސްލަހަތެއް ނެތް ނަމަ، ހަނު ހުންނާށެވެ. އަނގަދަ ނުކޮށް ބޭކާރު ވާހަކަތައް
އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާންމުވެއްޖެ ތަނެއް މާތް ﷲ
ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލު
މާތް ﷲ، އެކަލާނގެއަށް ޝަރީކު ކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ.
ފާފައެއް ކުރެވުމަކީ ދީނަށް ހިދުމަތްކުރުމަށް ހުރި އުޒުރެއް ނޫން، ރެކެން އޮތް