ސެޕްޓެމްބަރ 21, 2024

މާފަރުގައި 50 އެނދުގެ އެއާޕޯޓެއް ހޮޓަލެއް ހަދައި އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަނީ

ނ. މާފަރުގައި އެއާޕޯޓް ހޮޓަލެއް ހަދައި، އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފި އެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޖެޓް ޖައްސާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހޮޓެލް ހަދަން ނިންމާފައިވަނީ ރަށުގެ އުތުރު ފަރާތުން ގޮނޑުދޮށަށްވާ ގޮތަށް 4،002 އަކަފޫޓުގެ ބިމެއްގަ އެވެ. އެ ތަނުގައި ހަދަން ނިންމާފައިވަނީ 50 އެނދުގެ ހޮޓަލެކެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މާފަރު އެއާޕޯޓުން ދޭ ހިދުމަތްތައް ފުރިހަމަކޮށް، ސަރަހައްދުގެ އިގުތިސާދީ ތަރައްގީއަށް ހިންގާ އެ މަޝްރޫއަށް ދިވެހި އަދި ބޭރުގެ ކުންފުނިނަތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އެ މަޝްރޫއުގެ ތަފުސީލެއް މި ވަގުތު ނެތް ކަމަށާއި އެހެންކަމުން ދެ ފަރާތަށްވެސް ފައިދާވާ ފަދަ ވިޔަފާރީގެ މޮޑެލްއަކަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، އެ މަޝްރޫއުއަށް އެކްސްޕްރެޝަން އޮފް އިންޓްރެސް (އީއޯއައި) ހުށަހަޅާ ކުންފުނިތަކަށް އެކަނި ދައުވަތު ދީގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާނެ ކަމަށެވެ. އަދި މަޝްރޫއު ހަވާލުކުރުމުގައި އެ ކުންފުނީގެ މަގުސަދުތައް ހާސިލުވާ އަދި ލިބިފައިވާ ތަޖުރިބާ އާއި މާލީ އަދި ހިންގުމުގެ ގާބިލުކަމަށް ބަލާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ އެޕްރީލް މަހުގެ 21 އެވެ.