ހެޔޮކަމުގެ ރޭހުގައި ފަހަތަށް ޖެހުމަކީ ތަޤުވާވެރިންގެ ސިފައެއް ނޫނެވެ. އެބައިމީހުން އަބަދު ވެސް އޭނާގެ އަޚާއާ އެކު ވާދަޖަހައި ކުރި ހޯދަން މަސައްކަތް ކުރަނީ ހެޔޮކަންކަމުގައެވެ. ދުނިޔަވީ ކޮންމެ ކަމެއް އަނެކާއަށް ޓަކައި ދޫކޮށްލަނީ ވެސް މި ދެންނެވި ފަލްސަފާގެ ދަށުން ހެޔޮކަމުގައި ކުރިއަރާ ދިޔުމަށެވެ. ހެޔޮކަމުގައި ފަސްނުޖެހި ކުރިއަރައިދިޔުމަށް ﷲ ވަނީ އަންގަވައިފައެވެ. وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿آل عمران: ١٣٣﴾ މާނައީ: ”އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤުވާވެރިންނަށެވެ.“ ތަޤުވާގެ ރޭހުގައި ހިތްވަރުކުރާންވީ ކާމިޔާބުގެ ދޮރޯއްޓާ ހަމައަށް ވާޞިލުވަންދެނެވެ. އެއީ ސުވަރުގެއެވެ.
ހެޔޮކަމުގެ ރޭހުގައި މިއަދު މި ތިބެވެނީ މުހިންމު މޫސަމަކާ ހަމައަށް އާދެވިފައެވެ. ރަޙުމަތުގެ މޫސުމެވެ. ފުއްސެވުމުގެ މޫސެމެވެ. ދިންނެވުމުގެ މޫސުމެވެ. މީގެ އަހަރެއް ފަހުން ނޫނީ އަލުން އިޢާދަ ނުވާނެ ދުވަސްތަކަކާ މިއަދު މިވަނީ ބައްދަލުވެފައެވެ. ބަރަކާތްތެރި ރަމަޟާންމަހެވެ. އެ މަހުގެ ފަހު ދިހައެވެ. އެ ދިހައެއްގައި އޮތީ އެއް ހާސް މައްސަރަށްވުރެ ހެޔޮ ކަން ބޮޑުވެގެންވާ ރެއެކެވެ. އެންމެ ރެއަކުން 83 އަހަރުގެ ސަވާބާއި ދަރުމަ ހޯދޭނެ ފުރުޞަތެވެ. މި އުންމަތުގެ މީހުންގެ އާންމު ޢުމުރަކީ 60 އަހަރާއި 70 އަހަރާ ދެމެދުކަމަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ ބަޔާންކޮށްދެއްވައިފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ މުޅި ޙަޔާތައްވުރެ ގިނަ ހެޔޮކަން އެންމެ ރެއަކުން ލިބޭނޭ ގޮތަށް ލައްވައިފައި ވާ ރެއެއްކަމުގައި ލައިލަތުލްޤަދުރި އެބަ ވޭނޫންތޯއެވެ؟ މި މޫސުމް ﷲ ލައްވައިފައި ވަނީ ހެޔޮކަމުގައި ކުރިއަރާ ދިއުމަށެވެ. ހެޔޮކަމުގައި ވާދަ ކުރުމަށެވެ. އެރޭހުން އެންމެ ކުރިހޯދަން މަސައްކަތް ކުރާށެވެ!
ހެޔޮކަމުގެ ރޭހުގައި ބައިވެރިވުމަށް ކުރިޔައިލައި ތައްޔާރު ވީ ބަޔަކު ތިބެއެވެ. އެ މީހުންގެ ތެރެއިން ނުވެނުނީތީ ހިތާމަ ކުރާކަށް ނުޖެހެއެވެ. ފުރުޞަތެއް އަދި ނުގެއްލެއެވެ. ﷲއަށް ޓަކައި އިޚްލާޞްތެރި ހިތަކައިގެން އަވަހަށް ފަށައިގަންނަންވީއެވެ. ހަޔާތުން ގެއްލުނު ދުވަސްތައް ހޯދޭތޯ ވީހާ އަވަހަކަށް މަސައްކަތް ކުރަންވީއެވެ. ފޫގަޅައިލާންވީއެވެ. އިއްޔެގެ ނޭނގުމާއި ޣާފިލުކަމެއް މިއަދު ނެތެވެ. މިއަދު އެކަން ފިލާގޮސްފިއެވެ. ﷲގެ ރަޙުމަތުން ތިބާ މިއަދު ތިހުރީ ހިދާޔަތުގެ ނިޢުމަތް ލިބިފައެވެ. ހަޔާތުގެ އަނދިރިކަމަށް އިސްލާމީ ނޫރުން އަލި އެޅިފައެވެ. ޣާފިލުކަމުން އަރައިގަނެވިފައެވެ. އަނދިރީގެ ތެރެއިން އަލި މަގަކަށް ނިކުމެވިފައެވެ. އެފަދަ މީހާ އަބަދުވެސް މަސައްކަތް ކުރަންވާނީ ހެޔޮކަމުގެ ރޭހުގައި ކުރިއަރާ ދިޔުމަށެވެ. މިރެޔާ މާދަމާ ވެސް ﷲއާ ގާތްވާން މަސައްކަތް ކުރާށެވެ. ދުނިޔޭގެ ވާދަވެރިކަން ދޫކޮށްލާށެވެ! ސުވަރުގެއާ ދިމާލަށް މިޖަހާ ރޭހުގައި ކުރިއަރާ ދާށެވެ! އެންމެ ކުރިއަށް އަރާން މަސައްކަތް ކުރާށެވެ!
ހެޔޮކަމުގެ ރޭހުގައި އެންމެ ހީވާގިވެ އުޅޭތީ މިއަދު ފެންނަނީ އަންހެން ކަނބަލުންނެވެ. އެ ކަނބަލުން ގޭތެރޭގެ ދިރިއުޅުމުގައި އަވަދިނެތި އުޅެމުން ވެސް ދީނީ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. ޤުރުއާން ކިޔެވުމާއި ސުންނަތް ނަމާދު ކުރުމެވެ. ޞަދަޤާތް ދިނުމާއި ރޯދަހިފުމެވެ. މި ހުރިހާ ކަމެއް ކުރަމުން ދަރީންގެ ތަރުބިއްޔަތަށް ވެސް އެންމެ ބޮޑު ހިއްސާއެއް ދޭ ބަޔަކީ އެކަނބަލުންނެވެ. އެނގޭ މިންވަރަކުން ދަރިންނަށް ދީން އުނގަންނައިދެނީ ވެސް އެކަނބަލުންނެވެ. މި ހުރިހާ ކަމެއް ވެސް އެ ކުރަނީ ހެޔޮކަމުގައި ކުރިއަރާ ދިޔުމަށެވެ.
ދިރިއުޅުމުގެ ރޭހުގައި އަނބިމީހާއަށް ވުރެ ފިރިމީހާ ފަހަތައް ޖެހެގެން ނުވާނެއެވެ. ގޭތެރޭގެ މަސައްކަތް އަނބިމީހަށް ލުއިކޮށްދޭށެވެ. ދަރީންގެ ކަންކަމުގައި އެހީތެރިވާށެވެ. އެންމެ ބޮޑުއެހީތެރިކަމެއް ދޭންވީ އާޚިރަތުގެ ކާމިޔާބާއާ ދިމާލަށް ގެންގޮސްދޭށެވެ. ފަހުދިހައިގެ ރޭތަކުގައި އަނބީންނާއި ދަރީން ގޮވައިގެން އަޅުކަމުގައި އުޅޭށެވެ. ސުވަރުގެއަށް ދާއިރު އެ މީހުން ގޮވައިގެން ދެވުން އެއީ އެންމެ މޮޅުއިތުރު ގޮތެވެ. އިތުރު އެކަލޭގެފާނު ފަހު ދިހައިގެ ރޭތަކުގައި އެކަލޭގެފާނުންގެ އަހުލުވެރީން އަވަހާރަފުޅުން ނަންގަވައި އަރިހުގައި ރޭއަޅުކަމުގައި ބައިވެރި ކުރައްވާކަން ޞައްޙަ ޙަދީޘްފުޅުގައި އައިސްފައި ވެއެވެ. ހެޔޮ ކަމުގެ ރޭހުގައި ކުރިއަރައިދިޔުމަށް މިއީ ކޮންމެހެންވެސް ކުރާންޖެހޭ ކަމެކެވެ.
ހެޔޮކަމުގެ ރޭހުގައި ނުހުއްޓި ކުރިޔަށް ދާށެވެ! ރަމަޟާންމަސް ފެށިގެން އައި ހިނދު ހުރި ޖޯޝާފޯރި އަލުން ގެންނަންވީއެވެ. މި މަހުގެ ބާކީ އޮތް ދުވަސްތަކާއި ރޭތައް އިޙްޔާކުރަމާ ހިނގާށެވެ. ކަންނެތްކަމާއި ފޫހިކަމަކީ ޝައިޠާނާގެ ކިބައިން އަންނަ އުނދަގުލާ ތުރާލެވެ. އެ ކަމަށް އިޖާބަ ނުދޭށެވެ. އޭނާގެ ނުބައި ވަސްވާސްތަކުން ސަލާމަތްކޮށްދެއްވައިތޯ މާތް ﷲގެ ޙަޟްރަތުގައި ގިނަގިނައިން ދަންނަވާށެވެ. މި މައްސަރު ޚާއްޞަ ކުރެވިފައި އޮތީ ތައުބާއަށެވެ. ދިންނެވުމަށް އެދި ދެންނެވުމަށެވެ. ފުއްސެވުމަށް އެދި އަތް އުފުލާށެވެ. ތާއަބަދު ދަންނަވާށެވެ. ވަކިން ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުގައެވެ. އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި އެންމެހާ ކިޔުންތެރިނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަނީ ހެޔޮކަމުގައި ކުރިއަރާ ދިއުމަށެވެ.
ގުޅުންހުރި
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
ހައްގަކާ ނުލައި، ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމް
މަސްލަހަތެއް ނެތް ނަމަ، ހަނު ހުންނާށެވެ. އަނގަދަ ނުކޮށް ބޭކާރު ވާހަކަތައް
އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާންމުވެއްޖެ ތަނެއް މާތް ﷲ
ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލު
މާތް ﷲ، އެކަލާނގެއަށް ޝަރީކު ކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ.