އޮކްޓޯބަރ 5, 2024

މިފްކޯގެ މެނޭޖިން ޑިރެކްޓަރު ޝަމާހުގެ ސަސްޕެންޝަން އިތުރުކޮށްފި

ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިތުރުކޮށްފި އެވެ.

ޝަމާހުއާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅުން ހުރި މައްސަލައެއް އެ ބޯޑަށް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލައި ނިމެންދެން، މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް އޭނާ ސަސްޕެންޑް ކުރީ މާޗު 18ގަ އެވެ. އޭނާ ސަސްޕެންޑް ކުރީ މި މަހުގެ ނިޔަލަށެވެ.

މިއަދު އެ މުއްދަތު ހަމަވާތީ، ޕީސީބީން ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޝަމާހުގެ ސަސްޕެންޝަން އިތުރު ކުރަން ނިންމައި އެކަން އޭނާއަށް އަންގައިފައެވެ.

އޭނާ ސަސްޕެންޑް ކުރުމުގެ ކުރިން 12 ނުކުތާއެއް ހިމެނޭ ސިޓީއެއް ޕީސީބީން މިފްކޯއަށް ފޮނުވި ނަމަވެސް ޝަމާހު ވިދާޅުވީ ޕީސީބީން އޭނާ ސަސްޕެންޑް ކުރި އިރު އެއްވެސް ނޯޓިސްއެއް ފޮނުވާފައި ނުވާ ކަމަށާއި ސަސްޕެންޑް ކުރި ސަބަބެއް އަދި އޭނާ ކުރީ ކޮން ކަމެއް ކަމެއް އަންގާފައިނުވާ ކަމަށެވެ.

ޝަމާހުއަށް ތުހުމަތުކޮށް ޕީސީބީން ބަލަމުންދާ މައްސަލަތަކަކީ:

  • ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން
  • ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން
  • ކުންފުނީގެ މުވައްޒަފުން ނެގުމާ ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި ރަށްޓެހިންނަށް ބަޖެޓު ނެތް އިރުވެސް ވަޒީފާދިނުން
  • ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލައި ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުން
  • ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އިއުލާނު ނުކޮށް މުވައްޒަފުން ނެގުމާއި އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން
  • އުސޫލުތަކާ ހިލާފަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާއެއް ނެތް ފަރާތްތައް ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން
  • ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާ އިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން
  • ކުންފުނީގެ އޮޓް ބިޑު ކޮމިޓީ ބަދަލުކޮށް، ބެސްޓްޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން އެކޮމިޓީއަށް ލުން
  • ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރުދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުން
  • ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން
  • ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް، ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުމާއި ވަސީލަތްތަކަށް އެކްސެސް ވެވުން
  • ކުންފުނީގެ މާލީ ހާލަތު ހުރިގޮތަށް ނުބަލައި ސީއީއޯ ރާއްޖޭން ބޭރު ދަތުރުތައް ކުރުމާއި ދަތުރުކުރާ އިރު، ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރިކުރުން