ކުށްތަކަށް އަރައިގަންނަ މީހުންނާއެކު އުޅެ، ކުށުގެ މާހައުލުން ތަކުރާރުކޮށް ހައްޔަރުކުރާ ކުޑަކުދިން ބަލަހައްޓަން ވަކި ރަށެއްގައި ހާއްސަ ފެސިލިޓީއެއް ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރަސްދޫގެ މިސްކިތެއްގެ ފާހާނާ ތެރޭ ދެ ކުޑަކުއްޖަކު ވެގެން އެހެން ކުއްޖަކަށް ގަނާކޮށް، ގޯނާކުރި މައްސަލައާ ގުޅިގެން ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށްޓަކައި ވަޒީރުންގެ މައްޗަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއެއް ވަނީ އެކުލަވާލައިފަ އެވެ.
އެ ޓާސްކްފޯސްގެ ފަރާތުން އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިހުސާން ވިދާޅުވީ، 2019 ވަނަ އަހަރު ވުޖޫދަށް އައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކުށްތަކަށް ހުށަހެޅޭ ނުވަތަ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުދިންނާ ދޭތެރޭގައި އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ދައުލަތުގެ ކޮންމެހެން ކަހަލަ މަރުކަޒެއްގައި ފަރުވާ ދެވޭނެ ނިޒާމެއް އެކުލަވާލަންޖެހޭ ކަމަށާއި އެ ނިޒާމުގެ ތެރެއިން ހާއްސަ ސެންޓަރުތައް ގާއިމުކުރަންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، އެ ގާނޫނު ވުޖޫދުވުމުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި އެ މަރުކަޒުތަކުން ހިދުމަތް ލިބެންޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް ޖަލެއް ފިޔަވައި އިތުރު އެއްވެސް މަރުކަޒެއް އަދި ނިމިފައި ނެތް ކަމަށެވެ.
އެގޮތުން އެ މަސައްކަތަށްޓަކައި 21 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދ. ކުޑަހުވަދޫގައި ކުޑަކުދިންގެ ރިހިބެލިޓޭޝަން ސެންޓަރެއް ހަދާފައި ހުރި ނަމަވެސް އެތަން ހުރީ ބޭނުން ކުރެވޭ ހާލަތެއްގައި ނޫން ކަމަށާއި އެހެންވެ އެތަން ރަނގަޅުކުރުމަށްޓަކައި ހަވާލު ކުރެވިފައިވާނެ ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، އެ ސެންޓަރުގައި ވަކި މުއްދަތެއް ވަންދެން ރިހިބެލިޓޭޝަން ފަރުވާ ދިނުމަށްފަހު ދެން ގެންދަންޖެހެނީ ހާފްވޭ ހައުސްއަކަށް ކަމަށާއި އެފަދަ ތަނެއް ހއ. ހޯރަފުށީގައި ހަދާފައި އެބަހުރި ކަމަށެވެ. ނަމަވެސް އެތަން ހިދުމަތަށް އަދި ގެނެވެން ނެތް ކަމަށް ވިދާޅުވި އެވެ.
”ސްޓެޕް ވަން، ދ. ކުޑަހުވަދޫގެ މަރުކަޒު ނުހުޅުވި ސްޓެޕް ޓޫއަކަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން މި ނިޒާމުގައި. އެހެންވެ އަޅުގަނޑުމެން މިހާރު ނަގާފައިވާ އެއް ޑިޒިޝަންއަކީ ހޯރަފުށީގައި ހުރިތަން އަޅުގަނޑުމެން ފައްޓާނީ ޖުވެނައިލް ޓްރީޓްމަންޓް ސެންޓަރެއް ގޮތުގައި ކަމަށް. މި ފެށޭ ހަފުތާގައި އެތަން ހުޅުވާނަން. ހުޅުވާފައި އެޓް ރިސްކުގައި ތިބި، އެންމެ ބޮޑަށް ޕްރައިރޯރިޓީއަށް ލެވޭ، އެތަނުގެ މެކްސިމަމް ކެޕޭސިޓީއަށް ނެގޭނެ ކުދިން އެ ތަނަށް ނަގައިގެން ރިހިބިލިޓޭޝަން ފަށާނަން،“ އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ލޯންގްޓާމް ރެސިޑެންޝިއަލް ކެއާ ފެސިލިޓީއެއް ހަދަންޖެހޭނެ ވާހަކަވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެ ފެސިލިޓީއަކީ ކުށްތަކަށް ހުށަހެޅޭ ނުވަތަ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުދިންނަށް، މުޖުތަމައުއަށް ދޫކޮށްލައިގެން ރިހިބެލިޓޭޝަން ފަރުވާ ނުދެވިދާނެ ކަމަށް ގަބޫލުކުރެވި، ދިގު މުއްދަތަށް މުޖުތަމައުން އެކަހެރިކޮށް، ބަލަހައްޓަން ހަދަންޖެހޭ ސެންޓަރެއް ކަމަށް ވިދާޅުވި އެވެ.
”އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ އަޅުގަނޑުމެން މި ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕްކުރުން. އެޓް ރިސްކުގައި ތިބޭ ކުދިން އާއިލާތަކުން ނުބެލެހެއްޓި ނުވަތަ އަހުލާގީ ގޮތުން މުޖުތަމައުން އެކަހެރިވެދާތަން ފެނި އަދި އެކިއެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއެކު އުޅެ، ކުށުގެ މާހައުލުން ތަކުރާރުކޮށް ފުލުހުންނާއި ހިދުމަތްދޭ ފަރާތްތަކާ ދިމާވާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން. އެ ނެގޭ ނެގުން އަންނާނީ ގާނޫނުގައި ބުނާ ގޮތުން ކޯޓު ހުކުމެއްގެ ތެރެއިން. ކޯޓު ހުކުމަކާއެކު އެ ކުއްޖާ ނެގުމަށްފަހު ވިސްނުމަކީ މި ދެންނެވި ލޯންގްޓާމް ކެއާ ފެސިލިޓީއެއް ނަގާފައި އެތަނުގައި ކުއްޖާއަށް 18 އަހަރު ވަންދެން ބެލެހެއްޓުން،“ އިހުސާން ވިދާޅުވި އެވެ.
ގުޅުންހުރި
ފުރުގާން މިސްކިތަށް ގެއްލުންދީ ހަތިމުތައް އުކާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހީމް، ނަޝީދުއާ ބައްދަލުކުރި ވާހަކަ ދޮގުކޮށްފި
ޑުރަގުގެ ގާނޫނު އިސްލާހުކޮށް، ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ހުށަހަޅަނީ
ކުޑަކުދިންނަށް ދޭ ސިރަޕަކުން ނުރައްކާތެރި ކެމިކަލެއް ފެނިގެން ވިއްކުން މަނާކޮށްފި
ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމި
ސީއެސްސީގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ހޯދައި ޖާސޫސު ކުރަމުންދާތާ އެތައް ދުވަހެއް!