އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މައާފަށް އެދި އަދަބު ދޭންޖެހޭ ކަމަށް ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ 12 އަހަރުގެ ކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އަނިޔާކުރާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން މައްސަލަ ހޫނުވެ، މާލެއިން ފުލުހުންގެ ޓީމެއް ރަސްދުއަށް ގޮސް އަނިޔާކުރި ދެ ކުދިން ވަނީ ދެނެގަނެފަ އެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ދަނީ ބަލަމުންނެވެ.
އަނިޔާކުރުމުގައި ބައިވެރިވި ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ޝާމިލުވެގެން ހިންގި އަމަލު އާއިލާގެ ފަރާތުން ކުށްވެރިކޮށްފަ އެވެ. އަދި މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ އަށް ލިބިފައިވާ ބިރުވެރިކަމާއި ނަފުސާނީ ގެއްލުމަކީ އުމުރުދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ، އެކަމާ މެދުގައި އެ އާއިލާއިން ހިތާމަކުރާ ކަމެއް ކަމަށް ބުނެފަ އެވެ.
”…އަނިޔާ ލިބުނު ކުއްޖާގެ ކިބައިންނާއި އެ ކުއްޖާގެ އާއިލާގެ ކިބައިން މިކަމާ ހިތާމަކުރާ ހާލު މާފަށް އެދެމެވެ،“ އެ ޕޯސްޓުގައިވެ އެވެ.
އާއިލާގެ ފަރާތުން ފޭސްބުކްގައި އެ ޕޯސްޓު ޖަހަން ޖެހުނީ އެ އާއިލާގެ މީހަކު އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރުދީ ކޮމެންޓް ކުރުމުން ކަމަށް ވެސް ބުންޏެވެ.
”މިކަން މިގޮތަށް ވެއްޖެކަން މި އާއިލާއަށް އެނގުނީ ޕޭޖެއްގައި ސްކްރީންޝޮޓްތައް އާންމުކުރުމުންނެވެ. މި ސްކްރީންޝޮޓްތައް ދައުރުވާން ފެށުމުން މުޖުތަމައު އަށް މި އާއިލާ ސިފަވެފައި ވަނީ ހަނގާކުރުމަށް ހިތްވަރުދޭ އާއިލާއެއްގެ ގޮތުގައި އެވެ. އެހެން ނަމަވެސް އެ ސްކްރީންޝޮޓްތަކުގައި އޭނާ ބުނެފައިވާ ވާހަކަތަކަކީ މި އާއިލާއިން މި މައްސަލައާ މެދު ދެކޭ ގޮތެއް ނޫނެވެ،“ އެ ޕޯސްޓުގައި ބުންޏެވެ.
އަނިޔާވެރިވުމަކީ އެ އާއިލާއިން ހިތްވަރުދޭ ކަމެއް ނޫން ކަމަށާއި ކުއްޖާއަށް އަނިޔާކުރުމުގައި ބައިވެރިވި، އެ އާއިލާއަށް ނިސްބަތްވާ ކުއްޖާ ދިފާއުކުރުމުގެ ގަސްތެއް ވެސް އާއިލާއިން ނުކުރާ ކަމަށް ބުންޏެވެ. އަދި އޭނާ ކުރި ކުށަށް އަދަބު ލިބެން ޖެހޭ ކަމަށް އާއިލާއިން ދެކޭ ކަމަށާއި އަދި އޭނާ އަށް އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އާއިލާގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ގުޅުންހުރި
ފުރުގާން މިސްކިތަށް ގެއްލުންދީ ހަތިމުތައް އުކާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހީމް، ނަޝީދުއާ ބައްދަލުކުރި ވާހަކަ ދޮގުކޮށްފި
ޑުރަގުގެ ގާނޫނު އިސްލާހުކޮށް، ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ހުށަހަޅަނީ
ކުޑަކުދިންނަށް ދޭ ސިރަޕަކުން ނުރައްކާތެރި ކެމިކަލެއް ފެނިގެން ވިއްކުން މަނާކޮށްފި
ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމި
ސީއެސްސީގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ހޯދައި ޖާސޫސު ކުރަމުންދާތާ އެތައް ދުވަހެއް!