ހދ. ކުޅުދުއްފުށި ސިޓީގައި މި ރޯދަމަހު ކަރަންޓު ކެނޑޭތީ ދިމާވި ދަތިތަކުގެ ސަބަބުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކަށް 50 ޕަސެންޓްގެ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
ކުޅުދުއްފުއްޓަށް ކަރަންޓު ދިނުމަށް ހަތް ޖަނަރޭޓަރު ބޭނުންކުރި ނަމަވެސް ހޫނު ގަދަވުމުގެ ސަބަބުން ލޯޑް ނުހިފެހެއްޓި، އެ ރަށުގައި ހުރި ޖަނަރޭޓަރުތަކުން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ ކޮންމެ ދުވަހަކު ވެސް ވަކި ގަޑިތަކެއްގައި ރަށުން ދަނީ ކަރަންޓް ކަނޑަމުންނެވެ. އެކަމާ ގުޅިގެން ކުޅުދުއްފުށި ރައްޔިތުން މިރޭ ވަނީ މުޒާހަރާއަށް ނުކުމެފަ އެވެ.
އެކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރޯދަމަހު ދިމާވި ގިނަ ގޮންޖެހުންތަކަށް އެ ކުންފުނިން މައާފަށް އެދޭ ކަމަށެވެ. އަދި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އެގޮތުން މިހާރުވެސް އާ ޖެންސެޓެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެއިން ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.
”މި ނިމިގެންދާ ރަމަޟާން މަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ލޮބުވެތި ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ މި ކުންފުނިން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމަކަށްވާތީ، އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން، ކުޅުދުއްފުށީގެ ރައްޔިތުންނަށް މި ހިނގާ އޭޕްރިލް މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާކަމުގައި ދަންނަވަމެވެ،“ ފެނަކައިގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ބުނީ މިދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެ ކުންފުނިން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި
ރައީސްގެ ތަސައްވުރު: އެމްއެންޑީއެފްގައި އެއާފޯސްއަކާއި ނޭވީއަކާއި އާމީއެއްވެސް އުފެއްދުން!
ސިފައިންނަށް ވަސީލަތް ހޯދައިދޭތީ މަލާމާތްކުރާ މީހުނަށް ރައީސްގެ ރައްދު: ތިއީ ގައުމީ
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!