ނޮވެމްބަރ 21, 2024

ޔާމީން، ރައީސް މުއިއްޒަށް: އަބްދުއްރަހީމް އަޅުގަނޑު އާއިލާއަށް ފުރައްސާރަކުރިން ނޭނގެނީތޯ؟

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، އެ މަނިކުފާނުގެ އާއިލާއަށް ފުރައްސާރަ ކުރެއްވިކަން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގަންނަވާތޯ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ން މިރޭ ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ، އެއްވެސް މީހަކަށް ފުރައްސާރަ ކުރުމަށް ބޭނުންފުޅުނުވާ ކަމަށާއި އަދި އެއްވެސް މީހަކާ ބެހޭ ވާހަކައެއް ދައްކަން ބޭނުންނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމަށް އެހެން ހުރިހާ ފަރާތްތަކަށްވެސް އަންގާފައިވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާކަމަށް، ޔާމީން ވިދާޅުވިއެވެ.

”ރައީސް މުއިއްޒަށް އެނގިވަަޑައިނުގަންވާތޯ އަބްދުއްރަހީމް އަޅުގަނޑުގެ އަނބިކަނބަލުންގެ ވާހަކަ ދައްކައި ފުރައްސާރަކުރިކަން. މިއީ ރައީސް މުއިއްޒަށް ނޭނގި ހިނގާނެ ކަންކަމެއް ނޫން. މިކަން އެނގޭނެ ރައިސް މުއިއްޒަށް. ކީއްވެ އެކަމާ އެއްޗެއް ވިދާޅުވެ ނުވެ ރައީސް މުއިއްޒު އެ ހުންނެވީ“ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނު ޖަލުގައި އޮންނެވިއިރު މިނިވަންކުރުމަށް ގޮވާލައި ބޭއްވި އެއްވެސް މުޒާހަރާއެއްގައި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައި ނުގެންނެވި ވާހަކަ އަބްދުއްރަހީމް ދެއްކެވި ކަމަށެވެ. ޔާމީން ވިދާޅުވީ އެ މަނިކުފާނު ޖަލަށް ލާފައިވަނީ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށްވުމުން ކަމަށާއި ވަކި މީހެއްގެ ފިރިކަލުންނަށްވުމުގެ ސަބަބުން ނޫން ކަމަށެވެ. އެހެންކަމުން، އަނބިކަނބަލުން މުޒާހަރާ ކުރުމަށް ނުކުމެވަޑައިގަތުމަށް ކޮންމެހެން ޖެހިވަޑައިނުގަންނަވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ފަރާތުން ޕީއެންސީގެ އޮފީހުގައި މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ، ޔާމީން އިހުލާސްތެރިންގެ ވާހަކަ ދައްކާއިރު އެ ބޭފުޅުން ތިއްބެވީ މިއަދު އޮތް ސަރުކާރުގައި ކަމަށެވެ. އަދި އެގޮތަށް ބުނަން ކެރެނީ އެކަން ދެކެ ތަޖުރިބާކޮށްފައިވާތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

“ވަރަށް އަސަރުކުރޭ އަޅުގަނޑުމެންނަށް. ހާދަބޮޑު ގުރުބާނީއެކޭ އަޅުގަނޑުމެންވީ. ހާދަ ހިތްދަތި ހާލުގައޭ އަޅުގަނޑުމެން އުޅުނީ،” ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ދެ ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވަނީ ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުން އެ ބޭފުޅުން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރެއްވި މީހުން ދެކުނު ކަމަށެވެ. އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ މިނިސްޓަރު އަހުމަދު މަހުލޫފް ހައްޔަރުކުރުމުން އެ ބޭފުޅުންގެ އަނބިކަނބަލުން މުޒާހަރާތަކަށް ނުކުމެވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ނުކުމެވަޑައި ނުގެންނެވީ ކީއްވެތޯ އަދުރޭ ސުވާލު އުފެއްދެވި އެވެ.

“އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީން އެ ހުރިހާ ދުވަހު ޖަލުގައި އޮތްއިރު މެޑަމް ފާތުން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒެއިން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ކީއްވެގެންތޯ؟ މިއީ ސުވާލު އުފައްދަންޖެހޭ ކަމެއް ނޫންތޯ؟” އަދުރޭ ވިދާޅުވެފައިވެއެވެ.