އޮކްޓޯބަރ 6, 2024

39 އަހަރަށްފަހު އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.

އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 18 ފެބްރުއަރީ 1985ގަ އެވެ. އޭނާ ސިފައިންގެ ހިދުމަތުން ރޭ ރިޓަޔާ ކުރެއްވީ 39 އަހަރު ސިފައިންގެއަށް ހިދުމަތް ކުރެއްވުމަށްފަހު، އުމުރުން 60 އަހަރު ފުރުމުންނެވެ.

އޭނާ ރިޓަޔާ ކުރުމަށްޓަކައި ރޭ ސިފައިންގެ މައި މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށް، އަބްދުއްރަހީމް ވަޑައިގަތުމުން އޭނާގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނާ ގާޑެއް އަރުވައިފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅު އަދި އިހުލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު އަބްދުއްރަހީމްއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ.

އެެ ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދޭ ސިޓީއާއި ރިޓަޔަމަންޓްގެ ރަމްޒީ ކާޑު، އަބްދުއްރަހީމްއާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުވެސް އަދާކުރެއްވި އަބްދުއްރަހީމް ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ވަނީ ފުރިހަމަ ކުރައްވައިފަ އެވެ. އަދި އެމްއެންޑީއެފްގެ ވަރަށް ގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ފުރުއްވާފައިވެ އެވެ.

އެގޮތުން އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި ކޯ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެ އެވެ. އަދި ސިފައިންގެ ތަރުޖަމާންގެ މަގާމާއި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ.

އަބްދުއްރަޙީމް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ގައުމަށް ކޮށްދެއްވި ހާއްސަ ހިދުމަތްތަކުގެ ތެރޭގައި:

  • 3 ނޮވެމްބަރު 1988ގެ އުދުވާނީ ހަމަލާއަށްފަހު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ހަރަކާތްތެރިވި
  • 26 ޑިސެމްބަރު 2004ގެ ސުނާމީ ކާރިސާއާ ގުޅިގެން ސިފައިން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ބައިވެރިވި
  • 2011 ވަނަ އަހަރު އައްޑޫގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި
  • ސުނާމީގައި ދާއިމީ ބޯހިޔާވަހިކަން އެންމެ ފަހުން ކަށަވަރުކޮށްދެވުނު ގއ. މާމެންދޫގައި ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި
  • ކޮވިޑް-19ގެ ބޮޑު ކާރިސާގައި ސިފައިން ހިންގި އޮޕަރޭޝަންގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި

އަބްދުއްރަޙީމް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިހުލާސްތެރި ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހުލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެ އެވެ. އަދި މީގެ އިތުރުން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ދިވެހި ދައުލަތަށް ހިދުމަތްކުރައްވައިގެން، 2021 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވައިފަ އެވެ.