އަޅުގަނޑު މިނިވަންވުމުގެ ކްރެޑިޓް ނަންގަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވާނެ ކަމެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ހައިކޯޓުން ބާތިލްކުރުމުން އެ މަނިކުފާނު ވަނީ މިނިވަންވެފަ އެވެ. މިނިވަންވުމާއެކު އެ މަނިކުފާނު ވަނީ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ސަޕޯޓަރަކު ވަނީ ޔާމީން މިނިވަންވީ ރައީސް މުއިއްޒުގެ މަސައްކަތުން ކަމަށާއި އޭގެން ސާބިތުކޮށްދިނީ އެ މަނިކުފާނު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާތީ ކަމަށް ބުނެ ދައުލަތުގެ މިނިސްޓަރުންނާއި ސިޔާސީ ބޭފުޅުން ޓުވީޓް ކުރަމުން ގެންދާ ކަމަށް ބުނެ ޔާމީންއާ ސުވާލު ކުރައްވައިފަ އެވެ.
ޖަވާބުގައި ޔާމީން ވިދާޅުވީ، އެއީ ބުހުތާނު ދޮގެއް ކަމަށެވެ.
އޭގެ ހެއްކެއްގެ ގޮތުގައި ޔާމީން ދެއްކެވީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި، ޔާމީން މިނިވަން ނުކުރެއްވުމަށާއި އެކަން ކުރައްވާނީ އެ މަނިކުފާނު ކަމަށް ވިދާޅުވި ވިދާޅުވުމެވެ.
”އެހާ ވަރުގަދައަށް ވިދާޅުވި ވާހަކައެއްގައި ރައީސް މުއިއްޒު މިކަމަށް (އިސްތިއުނާފު މައްސަލައަށް) އަތް ނުބާނާ ހުންނެވި ކަމަށްވާ ނަމަ, ކީއްވެ މި މައްސަލަ އެހާ ދިގުލައިގެންދާންވީ؟ ދާންޖެހޭ ސަބަބެއް އެބަ އޮތްތޯ؟ ދެން ރައީސް މުއިއްޒު ކުރިން ވިދާޅުވި ވާހަކައަށް, ތިމަންނަ ހުވާ ކުރަންދާނީ ރައީސް ޔާމީން ގޮވައިގެންނޭ އަދި ތިމަންނަމެންގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ދޫކޮށްލާނީ ރައީސް ޔާމީންއޭ ވިދާޅުވެފައި އެކަން ކުރައްވަން އަމަލީ ގޮތުން ކުރެއްވި ކަމެއް ނެތެއްނު؟،“ ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ހައިކޯޓުގައި ދިގުލައިގެން ގޮސްފައި އޮތް މައްސަލައެއް އަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވުމަކީ ގާނޫނީ ކުށެއް ނޫން ކަމަށާއި އެގޮތަށް އެންގެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. ނަމަވެސް އާންމުންގެ ތެރޭގައި ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެ، އެކަން ނުކުރެއްވި ކަމަށް ވިދާޅުވި އެވެ.
”އެހެންވީމަ އެއްގޮތަކަށް ވެސް މިއަދު މިކަން (އެ މަނިކުފާނު މިނިވަންވުން) ހިނގައިގެން، މީގެ ކްރެޑިޓް ނަގަން އުޅުއްވާނެ ކަމެއް ނެތް. އެކަމެއް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله މެން އެ މަނިކުފާނު މިނިވަންވުމުން ރައީސް މުއިއްޒަށް ޝުކުރު އަދާކުރެއްވުން އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ލުއި ލިބުނު ފަރާތުގެ ހައިސިއްޔަތުން އެ ލުއި ލިބުނީ ރައީސް މުއިއްޒާއި ސަރުކާރުގެ އިހުސާންތެރިކަމުގެ ސަބަބުން ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ގުޅުންހުރި
ބޭރު ފައިސާއާ ބެހޭ ބިލްގެ ޑްރާފްޓުގައި ޑޮލަރު މާރުކުރުމަށް ލުއިތަކެއް ދީފި
ފުލެޓް ލިސްޓަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތް: ހައުސިން
ސްޓެލްކޯގެ މަސައްކަތުން ސޯލާ އެނާޖީގައި ރަކީދޫއަށް ބޮޑު ކުރިއެރުމެއް!
ފުރުގާން މިސްކިތަށް ގެއްލުންދީ ހަތިމުތައް އުކާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހީމް، ނަޝީދުއާ ބައްދަލުކުރި ވާހަކަ ދޮގުކޮށްފި
ޑުރަގުގެ ގާނޫނު އިސްލާހުކޮށް، ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ހުށަހަޅަނީ