ނޮވެމްބަރ 22, 2024

ތިން ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފި

ތިން ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުހައްމަދެވެ. އާރުޑީސީ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އާރްޑީސީއާ ހަވާލުކޮށްފައިވަނީ ހދ. މަކުނުދު އާއި ރ. މާކުރަތު އަދި ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށެވެ. އެއިން އެއްވެސް މަޝްރޫއަކާ ބެހޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އާރްޑީސީން މިހާރު ވެސް ދަނީ 27 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.