ރިޔާސީ އިންތިހާބުންނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނަސް، އިސްތިއުފާ ދިނުމުގެ ވިސްނުމެއް ޕާޓީގެ ލީޑާޝިޕުން ނުގެންގުޅުއްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެ ދެ އިންތިހާބުން ބަލިވުމުން އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ވަނީ އިންތިހާބުން ބަލިވި ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ނިންމައިފައެވެ. އަދި ރައްޔިތުން އެމްޑީޕީއާ މެދު ދެކޭ ގޮތް ބެލުމަށްފަހު މަގުޗާޓެއް ހެދުމަށް ވެސް ނިންމިއެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒު ވިދާޅުވީ ޖެހިޖެހިގެން ދެ އިންތިހާބުން ބަލިވެފައިވީ ނަމަވެސް އެ ޕާޓީގެ ލީޑާޝިޕުގެ އިސްތިއުފާއަށް ގިނައިން ގޮވާލަނީ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކަމަށެވެ. އެމްޑީޕީގެ އާންމު މެންބަރުން، ޕާޓީގެ ލީޑާޝިޕުގެ އިސްތިއުފާއަށް ގޮވާފައިވަނީ ވަރަށް މަދުން ކަމަށެވެ.
”އެއީކީ މައްސަލައެއް ވެސް ނޫން. އެހެންނަމަވެސް މިވަގުތުގަ އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް އިނގޭތޯ“ ފައްޔާޒު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ވިސްނުމުގައި އެއްގޮތަކަށް ވެސް ނެތް ޕާޓީގެ އެއްވެސް ލީޑާޝިޕުގެ އެއްވެސް މަގާމެއްގަ ތިބި އެއްބެސް ބޭފުޅަކު އިސްތިއުފާ މިވަގުތު ދިނުމެއް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ވެސް ނޫން“
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ލީޑާޝިޕު ބަދަލުކުރަން ބޭނުންވާނަމަ އެ ފުރުސަތު ދޭނެ ކަމަށެވެ. އެމްޑީޕީއަކީ ސަރުކާރުގައި އޮތުމަށް ވެސް އަދި އިދިކޮޅުގައި އޮތުމަށް ވެސް މުހިންމު ޕާޓީއެއް ކަމަށްވުމުން، މިއީ ލީޑާޝިޕް ބަދަލު ކުރުމުގެ ފުރުސަތު އާންމު މެންބަރުންނަށް ދޭންވީ ވަގުތު ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިންތިހާބުތަކުން ބަލިވީ ކެމްޕޭނު ކުރި ގޮތުގެ ސަބަބުންތޯ ނުވަތަ ލީޑާޝިޕުގެ މައްސަލައަކުންތޯ އެނގިގެންދާނީ ދިރާސާއަށް ފަހު ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ގުޅުންހުރި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން: ފައްޔާޒު
އިރާން-އިޒްރޭލް ހަނގުރާމައަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީގެ ސަބަބުން: ފަލާހު
އެމްޑީޕީއަށް 5 ފަނި ވާނީ ފޮނުވާފައި، ލޯކަލް އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާނަން:
ޑިމޮކްރެޓްސް އުވާލައި ނަޝީދާއި އެހެން އިސް މެމްބަރުން އެމްޑީޕީއާ ގުޅެން ނިންމައިފި