މީހަކަށް ކުރެވޭ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި، ވީޑިއޯކޮށް ފަލީހަތް ކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު، އައްޝައިހް އިމްރާން އަބުދުﷲ ގެ ކާރާއި އާންމު މީހެއްގެ ޕިކަޕެއް އެކްސިޑެންޓުވި ސަރަހައްދުގައި ހުންނަވައި، ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ވީޑިއޯގައި އިންމު ވަނީ އެކްސިޑެންޓާ ގުޅިގެން އާންމު މީހާއަށް މައާފުކޮށްދޭން ޝައިހް އިމްރާންގެ އަރިހުން އެދިލައްވައިފައެވެ.
އެ ވިޑިއޯ ފެށިގެން ނިމެންދެން ޝައިހް އިމްރާނާއި އޭނާގެ އަނބިކަނބަލުން ބަހެއް ވިދާޅުނުވެ ހުންނެވި މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެކަމާ ހެދި، އޭނާއަކީ ”ބޮޑާ“ މީހެއް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުވެސް ކިޔެއެވެ. އަދި އަނެއް ބަޔަކު ވަނީ، އިންމުގެ އަމަލު ކުށްވެރިކޮށްފައެވެ. ޝައިހް އިމްރާންގެ އަދާލަތު ޕާޓީންވެސް ވަނީ އިންމު އުޅުއްވީ، ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުމަށް ކަމަށް ވިދާޅުވެ، އެ އަމަލު ކުށްވެރިކޮށްފައެވެ.
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގެން އެކްސްގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި އެ ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަލީހަތްކުރުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއި ގޮތުންވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
”ކުށެއް ކޮށްފި މީހަކާ މެދު ކަންކުރާނޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވޭ. އެ ކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމުވެފައިވޭ،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މަސައްކަތް ކުރާ ބަދަލުހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވާނެ ކަމަށެވެ.
”އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!“ ރައީސް މުއިއްޒު ވިދާޅުވިއެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!