ނޮވެމްބަރ 22, 2024

އޭސީސީގެ ނިންމުން ބޮލާލައި ޖަހާލައި ފުލެޓުތައް މި ސަރުކާރުން ދޫނުކުރާނެ: ސަރުކާރު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުން ކަމަށް ބަޔާންކޮށް ކުރީ ސަރުކާރުން ގެޒެޓުކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ފްލެޓުތައް ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމިޔަސް ފްލެޓު ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓަށް ބޮލާލައި ފުލެޓްތައް ދޫނުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ މިހާރު އޮތް ފްލެޓު ލިސްޓަށް ބަލައިގެން ފްލެޓު ދޭއިރު އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުމަކީ މި ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

ނގިވަޑައިގަންނަވާނެ އޭސީސީގެ ރިޕޯޓެއް އެބަ އޮތް ފްލެޓުތައް ދޫކޮށްފައި ހުރި ގޮތާ ގުޅޭ ގޮތުން. އޭގައި އެބަހުރި ވަރަށް ކަންބޮޑުވާ ކަންތައްތަކެއް. އެހެންވީމާ އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިޔުމަކީ މި ސަރުކާރުން ބޭނުންވާ ގޮތެއް ނޫން,“ ހީނާ ވިދާޅުވި އެވެ.

”ކަންބޮޑުވުންތަކެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައިވަނިކޮށް އެ ރިޕޯޓު ބޮލާލައި ޖަހާ، އެހެން ގޮތަކަށް އަޅުގަނޑުމެން ނިންމުމަކީ ފްލެޓު ނުލިބި ތިބި ފަރާތްތަކުގެ ވެސް އަދި ފްލެޓު ލިބިފައި ތިބި ފަރާތްތަކުގެ ވެސް ހައްގުތައް ގެއްލިގެންދާނެ ކަމެއް.“

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި ’ގެދޮރުވެރިޔާ‘ ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ދައުރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ވަނީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ނަމަވެސް އޭސީސީން ބުނެފައިވަނީ ފުލެޓް ލިސްޓާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގެއް ފަށައި، އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއްކަން ވަނީ އެނގިފައި ކަމަށެވެ.
އެއާ އެކު މި ސަރުކާރުން ނިންމާފައިވަނީ ލިސްޓު އަލުން ބެލުމަށްފަހު، ފުލެޓުތައް ހަވާލު ކުރުމަށެވެ.

މި ސަރުކާރުން ކުރީގެ ލިސްޓާ އެއްގޮތަށް ދޫކުރުން ލަސްކުރާކަމަށް ބުނެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ. އެ ރިޕޯޓުގައި ނިންމާފައިވަނީ ރައީސް ސޯލިހުގެ ސަރުކާރުން ކަނޑައެޅި ލިސްޓާ އެއްގޮތަށް ފުލެޓް ދިނުމަށް ސަރުކާރަށް އެންގުމަށެވެ.