އޮކްޓޯބަރ 5, 2024

އެއާޕޯޓްގެ މުވައްޒަފުންތަކެއް ގައިގައި ޖަހައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު އެއާޕޯޓްގެ މުވައްޒަފުންތަކެއްގެ ގައިގައި ތަޅައި، މާރާމާރީ ހިންގި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއްގައި ފެންނަނީ އެއާޕޯޓަށް ފުރަން ގޮސްހުރި ބިދޭސީ ފަސިންޖަރު ރުޅިވެރިކަމާ އެކު ހިނގާފައި ގޮސް އިއްތިހާދު އެއާވޭސްގެ ޗެކިން ކައުންޓަރުގައި ހުރި ސްޓާފަކަށް ހަމަލާ ދޭ ތަނެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައިވެސް އެ ބިދޭސީ މީހާ ޖެހުމުން އެ މުވައްޒަފު ބިންމައްޗަށް ވެއްޓޭތަންވެސް ފެނެ އެވެ.

އެ ވަގުތު އެ ތަނުގައި ތިބި އެއާޕޯޓް މުވައްޒަފުން އެ ބިދޭސީ މީހާއާ ކުރިމަތިލާން އުޅުނެވެ. ނަމަވެސް އެތަނުގައި ތިބި އެހެން މުވައްޒަފުން ވަނީ އެކަން ހުއްޓުވައިފަ އެވެ.

ހާދިސާ ހިނގި ވަގުތު އެ ތަނުގައި ހުރި އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު މި ނޫހަށް ބުނީ، އަބޫދާބީ އަށް ފުރަން ދިޔަ އެ މީހާ، އޭނާ ފުރަން ހަމަޖެހިފައި އޮތް އިއްތިހާދު އެއާވެސްގެ މުވައްޒަފެއްގެ ގައިގާ ޖެހީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.

އެގޮތުން އެ މުވައްޒަފާ ދިމާލަށް އެއްޗެހި ކިޔައި ހަޅޭއްލަވަން ފެށުމުން މުވައްޒަފުން އޭނަގެ ލަގެޖުތައް ބެލްޓުން ބޭލި ކަމަށްވެސް މި ނޫހަށް މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.