ނޮވެމްބަރ 28, 2024

މީގެފަހުން 10،000 ޑޮލަރަށް ވުރެ ގިނައިން ބޭރަށް ގެންދާ ނަމަ، އެ ހޯދި ގޮތް ބުނެދޭން ޖެހޭނެ!

ރާއްޖެ އިން ބޭރަށް ނަގުދު ފައިސާ ބޭރުކުރުމުގައި ފިޔަވަޅުތަކެއް އަޅައި، 10،000 ޑޮލަރަށް ވުރެ އިތުރަށް ނަގުދު ފައިސާ ރާއްޖެ އިން ބޭރަށް ގެންދާނަމަ އެ ފައިސާ ހޯދި ގޮތެއް ބުނެދޭން ޖެހޭ ގޮތަށް ހަދައިފި އެވެ.

ހޯމް މިނިސްޓްރީ އާއި އެތަނުގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މީގެ ކުރީން ބައެއް ބިދޭސީން ރާއްޖެއަށް ލޭބަރެއްގެ ގޮތުގައި އެތެރެވެ، އޭނާ ހަފުތާއަކު އެއް ފަހަރު ރާއްޖެ އިން ބޭރަށް އެތައް ލައްކަ ޑޮލަރު ހިފައިގެންދާ ކަމަށެވެ. 

އެކަން ހުއްޓުވުމަށް ކަސްޓަމްސްގެ ކޭޝް ޑިކްލަރޭޝަން ގަވާއިދަށް ބޮޑު އިސްލާހެއް ގެނެސް، 10،000 ޑޮލަރަށް ވުރެ މަތިން ރާއްޖެ އިން ބޭރަށް ފައިސާ ގެންދާ ނަމަ، އެ ފައިސާ ހޯދީ ކޮންތަނަކުން ކިހިނެތްކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

”މީގެކުރިން 10،000 ޑޮލަރަށް ވުރެ މަތިން ހިފައިގެންދާ މީހާ ތިމަންނާ މި ދަނީ މިވެނި އަދަދަކަށް ފައިސާ ހިފައިގެންނޭ ބުނެ ހަމަ ދާންވީ. އެ ޑިކްލިއާ ކުރެވުނީ. ނަމަވެސް ބައިނަލްއަގްވާމީ އިދާރާތަކުގައި މިކަމަށް މިންގަނޑުތަކެއް އޮވޭ. އެ މީހާ 10،000 ޑޮލަރަށް ވުރެ މަތިން ހިފައިގެންދަންޏާ ސޯސް އޮފް އިންކަމް ޑިކްލިއާ ކުރަންޖެހޭ. އޭނާ ކޮންތާކުން ހޯދި ލާރިއެއްތޯ ހިފައިގެން މި ދަނީ،“ އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިސްލާހާއެކު ރާއްޖެ އިން ބޭރަށް ބޮޑު އަދަދުން ނަގުދު ފައިސާ ބޭރު ކުރުން ގާތްގަނޑަކަށް ހުއްޓުމަކަށް ގެނެވިފައިވާ ކަމަށެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނަރަލް އިބްރާހިމް މަފާޒު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓް ކުރުމުގެ ގަވާއިދު އޮތް ގޮތުން ގަވައިދާ ހިލާފަށް ފައިސާ ބޭރު ކުރާ ފަރާތްތަކާ މެދު އެޅެން އޮތް ހަމައެކަނި ފިޔަވަޅަކީ ކަސްޓަމްސްއަށް އޮޅުވާލައިގެން ނުވަތަ ފޮރުވައިގެން ގިނަ އަދަދެއްގެ ފައިސާ ބޭރު ކުރަން އުޅޭ މައްސަލަތަކުގައި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރުން ކަމަށެވެ.

ނަމަވެސް، ކޯޓުގައި މައްސަލަތައް ދިގުލައި، އިޖުރާއީ މައްސަލަތައް ވެސް ބޮޑުވެ ގިނަ މައްސަލަތައް ސާބިތު ނުވެ އެ ފައިސާ އަނބުރާ ދޭންޖެހޭއިރު، ޖިނާއީ މައްސަލައެއްގެ މިންގަނޑަށް ނުފެތޭތީ ވެސް ގިނަ މައްސަލަތަކެއްގައި ފިޔަވަޅު ނޭޅި އެބަހުރި ކަމަށް ވިދާޅުވި އެވެ.