އޮކްޓޯބަރ 7, 2024

ދަރިއެއްގެ ގައިގާ ޖެހި މީހަކު ރުޅި މައިތިރިކުރަން ކައުންސިލިން ހޯދަން ކޯޓުން އަމުރުކޮށްފި

އަމިއްލަ ދަރިއެއްގެ ގައިގާ ޖެހި މީހަކު އެއް މަހަށް ޖަލައި ލައި، ރުޅި މައިތިރިކުރަން ކައުންސިލިން ހޯދަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައަކީ ކ. ކާށިދޫ/ މަލަސް، އިބްރާހިމް ސިރާޖު، އޭނާގެ އަމިއްލަ ދަރިއެއްގެ ކޯ މަތީގައި އަތުން ޖަހައިފައިވާތީ ސިރާޖުގެ މައްޗަށް ކޮށްފައިވާ ގައިގައި އަތްލުމުގެ ކުށުގެ ދައުވާއެކެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ސިރާޖު ވަނީ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ގާނޫނީ ވަކީލަކާ ނުލައި އަމިއްލައަށް ކަމަށާއި ދައުވާއަށް އިންކާރުކުރާ ކަމަށް ބުނެފަ އެވެ. އަދި ދިފާއުގައި ހުރި ހެކި ހާމަކުރުމަށް ފުރުސަތު ދިނުމުންވެސް ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި ސިރާޖުއާ ދެކޮޅަށް ހެކިބަސް ދީފައިވަނީ އޭނާގެ ދެ ދަރިންނާއި އަންހެނުންނެވެ. އަދި ފުލުހެއްގެ ހެކިބަސް ނަގާފައިވެ އެވެ.

މި މައްސަލައިގައި ހުށަހެޅި ހެކިތަކަށް ބިނާކޮށް މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ ސިރާޖުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެއަށްފަހު އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި ސިރާޖު ވަނީ ވަގުތުން ވަގުތަށް ވާހަކަ ދައްކައި ހުކުމް ކޮށްދިނުމަށް އެދިފަ އެވެ. އަދި ގާޒީއަށް ފެންނަ ގޮތަކަށް އަދަބު ކަނޑައަޅައި ދިނުމަށްވެސް އެދުނެވެ.

މި މައްސަލަގައި އަދަބު ކަނޑައެޅުމުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ އިތުރު އަދަބެއް ކަނޑައަޅުއްވައިފަ އެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި ހެކިންގެ ހެކިބަހާއި ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތަކަށް ބަލާޢިރު ސިރާޖަކީ ނުހަނު ރުޅިގަދަ މީހެއްކަން އެނގޭ ކަމަށާއި އޭނާގެ ރުޅިގަދަކަމާއި ހަރުކަށި ކަމުގެ މައްޗަށް އޭނާގެ ދަރިންނާއި އަނބިމީހާ ބިރުވެރިކަމެއްގައި ތިބިކަން އެނގޭ ކަމަށެވެ.

އަދި ކުށުގެ އަމަލު ހިންގާފައިވަނީވެސް ރުޅިގަދަވެ، ރުޅިވެރިކަމާއެކުކަން ހެކިންގެ ހެކިބަހުން އެނގޭތީ، އެ ކަންކަމަށް ބަލައި ސިރާޖަށް ކަނޑައެޅިފައިވާ ޖަލު އަދަބުގެ އިތުރަށް ރުޅި މައިތިރިކޮށް، ރުޅި ކޮންޓްރޯލް ކުރުމާއި ރުޅި މަޑުކުރުމުގެ ގޮތުން ކަމާގުޅޭ ކައުންސިލަރެއްގެ ފަރާތުން ކައުންސިލުން ހޯދުމަކީ މުހިންމު ކަމެއް ކަމަށް ފެންނަ ކަމަށްވެސް ވިދާޅުވި އެވެ.

އެއީ އިތުރު އަދަބެއް ކަމުން، މި މައްސަލަ ސާބިތުވެގެން ސިރާޖުގެ މައްޗަށް އަންނަން އޮތް ދެ މަހާއި 21 ދުވަހުގެ މުއްދަތަށް ޖަލަށް ލުމުގެ އަދަބު ދެ މަސް ދުވަހަށް ކުރުވި އެވެ.

ނަމަވެސް އެ ގަޒިއްޔާގައި ހިމެނޭ އިތުރު ދައުވާއެއް ސިރާޖުގެ މައްޗަށް ސާބިތުވެފައިވާތީ، ކަނޑައެޅި ދެ މަސް ދުވަހުގެ ޖަލު ހުކުމް އެއް މަސް ދުވަހުގެ ޖަލު އަދަބަކަށް ކުޑަވި އެވެ. އެއީ އެއް ކުށަށް ވުރެ ގިނަ ކުށް ސާބިތުވާ ހާލަތުގައި ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ދެބައިކުޅަ އެއްބައި ކަނޑައަޅަންޖެހޭތީ އެވެ.

އެހެންވެ މި މައްސަލައިގައި ގާޒީ ވަނީ ސިރާޖު، ގައިގައި އަތްލުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އޭނާ އެއް މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި ރުޅި މައިތިރިކޮށް ރުޅި މަޑުކުރުމާ ގުޅޭ ފަރުވާ ދިނުމުގެ ހުއްދަ ސަރުކާރުން ލިބިފައިވާ ކައުންސިލަރެއްގެ ފަރާތުން 40 ގަޑިއިރުގެ ކައުންސިލުން ހޯދުމަށް އަމުރުކޮށްފަ އެވެ.