ނޮވެމްބަރ 22, 2024

ކޭޕާކް އިން ގަތް އެޕާޓްމެންޓް ނުދިނުމުން ގާސިމުގެ ދަރިކަނބަލުންނަށް 1.9 މިލިއަން ދައްކަން ހުކުމްކޮށްފި

ވިލާ ކުންފުނީގެ ވެރިޔާ، ޖުމްހޫރި ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ ގާސިމް އިބްރާހީމްގެ ދަރިކަނބަލުން ހަދީޖާ ސަނާ އާއެކު ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ކޭ ޕާކު އެޕާޓްމަންޓް ހަވާލުކޮށްފައި ނުވާތީ އެހެން ތަނެއްގައި ދިރިއުޅެން ޖެހުމުގެ ސަބަބުން އެ ތަނަށް ދެއްކި ކުލީގެ ފައިސާ ހިމެނޭ ގޮތަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޖުމުލަ 1.9 މިލިއަން ރުފިޔާ ހޯދަން ސަނާ ކުރި ދައުވާ ކާމިޔާބުވެއްޖެ އެވެ.

ކޭ ޕާކު އެޕާޓްމެންޓުތައް ހަދަމުން އަންނަ ހަންބޯ މޯލްޑިވްސް ކުންފުނިން ބައެއް މީހުންނަށް ނުއަގުގައި ފްލެޓް ވިއްކައި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އަހަރު މެދު ތެރޭގައި ވަނީ ފެންމަތިވެފަ އެވެ. ކޭ ޕާކު އެޕާޓްމެންޓް ގަތް އެއްވެސް މީހަކަށް މިހާތަނަށް އެ ތަނުން ފުލެޓް ލިބިފައެއް ނުވެ އެވެ.

ހަންބޯ ކުންފުންޏާ ދެކޮޅަށް ސަނާކުރި ދައުވާގައި ވަނީ ކޭ ޕާކު އެޕާޓްމަންޓެއް ގަތުމަށް ދެ ފަރާތުން އެއްބަސްވުމެއް ވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށް ހަންބޯ ކުންފުންޏަށް އެންގުމަށެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް ޑިސެމްބަރު 2023 އަށް އެޕާޓްމަންޓް ހަވާލުކޮށްފައިނުވާތީ ކުލީގެ ގޮތުގައި ދައްކާފައިވާ 998،200 ރުފިޔާއާއި 58،733 ޑޮލަރުގެ އިތުރުން އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 12،000 ރުފިޔާ ހަންބޯ ކުންފުނީގެ ފަރާތުން ނަގައި ދިނުމަށްވެސް އެދުނެވެ.

މީގެ އިތުރުން ސަނާގެ ފަރާތުން ވަނީ ކޭޕާކް ރެސިޑެންސް ނަމްބަރު KP902 އެޕާޓްމަންޓް އެހެން ފަރާތަކަށް ދީ ވިއްކައި ނުވަތަ ބަދަލުކޮށް ހެދުމާއި ތިންވަނަ ފަރާތެއްގެ ހައްގު އެ އެޕާޓްމަންޓާ ގުޅިގެން އުފަންވާނޭ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި ތިންވަނަ ފަރާތެއްގެ ނަމަށް ބަދަލުނުކުރުމަށާއި ރަޖިސްޓްރީ ނުކުރަން އެދި ހަންބޯ ކުންފުނީގެ މައްޗަށާއި ކަމާބެހޭ ފަރާތްތަކަށް އަންގައި އަމުުރުކޮށްދިނުމަށް އެދިފަ އެވެ.

އެ މައްސަލައިގައި ރައުޔު އިއްވަމުން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު އީސާފުޅު ވިދާޅުވީ ސަނާއަށް މާލީ ގޮތުން ގެއްލުންތަކެއް ވެފައިވާކަން އޭނާގެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ.

އެހެންވެ އެ މައްސަލައިގައި ހުކުމުގައި ގާޒީ ވަނީ ސަނާ އެދުނު ގޮތަށް 1.9 މިލިއަން ރުފިޔާ އޭނާއަށް ދެއްކުމަށް ހަންބޯ ކުންފުނީގެ މައްޗަށް ހުކުމްކޮށްފަ އެވެ. ގާޒީ ހުކުމްކުރެއްވީ އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ސަނާއަށް ދައްކައި ހަލާސްކުރުމަށެވެ.

ނަމަވެސް ސަނާ އެދުނު ގޮތަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށާއި ހަންބޯ ކުންފުނީގެ މައްޗަށް އަމުރެއް ނެރެދެވެން ނެތް ކަމަށް ގާޒީ ނިންމެވި އެވެ.

އެގޮތަށް ނިންމެވި ސަބަބު ހާމަކުރައްވާ ގާޒީ ވިދާޅުވީ އެޕާޓްމަންޓުގެ މިލްކުވެރިކަން ލިބޭނީ ނުވަތަ އެޕާޓްމަންޓެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރެވޭނީ ކޯޓުގެ މަރުހަލާ ކަޑައްތު ކޮށްގެން ކަމުގައިވާތީ ވަގުތީ ފަރުވާއެއް ހޯދަންޖެހޭ ހާލަތެއް އެ މައްސަލައިގައި އުފަންވެފައި ނެތް ކަމަށެވެ.

އަދި ސަނާގެ ފަރާތުން އެދުނު ފަދަ އަމުރެއް ނެރެދެވޭނީ އެކަމުގެ ޒަރޫރަތެއް އުފަންވުމުގެ ބޮޑު އިހުތިމާލެއް އޮވެގެން އެކަން ޝަރީއަތަށް ބަޔާންކޮށްދޭ ބަޔާންކޮށްދިނުމެއް ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.