ނޮވެމްބަރ 22, 2024

ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ 96،000 ދަރިވަރުން އަދި 10،729 ޓީޗަރުންނާއެކު: އެޑިއުކޭޝަން

ބޮޑު ޗުއްޓީއަށްފަހު މާދަމާ ފަށާ ދިރާސީ އަހަރުގެ ކިޔެވުން ފެށިގެންދާނީ 96،000 ދަރިވަރުންނާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ 96،000 ދަރިވަރުންގެ ތެރެއިން ފިރިހެން ދަރިވަރުންގެ އަދަދަކީ 42،700 ކަމަށެވެ. އަދި އަންހެން ދަރިވަރުންގެ އަދަދަކީ 40،300 ކަމަށެވެ. 17،000 ދަރިވަރުންނަކީ މަލޭ ސަރަހައްދުގެ ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުން ކަމަށާއި ޕްރައިވެޓް ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އަދަދަކީ 13،000 ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. ޕްރައިވެޓް ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން 9،000 ދަރިވަރުން ތައުލީމު ހާސިލުކުރާނީ މާލޭގައި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ދިރާސީ އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު ސަރުކާރުގެ 162 ސްކޫލެއްގައި 12،662 ޓީޗަރުން މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އޭގެ ތެރެއިން ދިވެހި ޓީޗަރުންގެ އަދަދަކީ 10،729 ކަމަށާއި ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،933 ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަހަރު މާލޭ ސަރަހައްދުގެ ގްރޭޑް 1 އަށް 2،2240 ދަރިވަރުން ވަނީ އެންރޯލް ކުރެވިފައި ކަމަށާއި މީގެ އިތުރުން މާލޭ ސަރަހައްދުގެ ގްރޭޑް 1 ފިޔަވާ އެހެން ގްރޭޑުތަކަށް ވަންނަން ހުށަހެޅި ދަރިވަރުންގެ އަދަދަކީ 2،081 އަރާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އަދި މި ދިރާސ އަހަރު، އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭ ސަރަހައްދުގެ ސްކޫލްތަކަށް 1،126 ދަރިވަރުން ވަނީ ބަދަލުވެފައި ކަމަށާއި މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1،000 އެއްހާ ދަރިވަރުން ބަދަލުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަ ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލް އަދި އދ. ދިއްދޫ ސްކޫލް ކަމަށް މިނިސްޓްރީން ބުންޏެވެ.