ނޮވެމްބަރ 22, 2024

ދިވެހި ޓީޗަރުން މަދުވަނީ ދޭންވާ ގަދަރާއި އިހުތިރާމު ނުދެވި، މުހިންމު ބައެއް ކަމަށް ނުބަލާތީ: މިނިސްޓަރު

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ދިވެހި ޓީޗަރުން މަދުވާ އެންމެ ބޮޑު އެއް ސަބަބަކީ ޓީޗަރުންނަށް ދޭންވާ ގަދަރާއި އިހުތިރާމު ނުދެވުމާއި މުދައްރިސުންނަކީ މާ މުހިންމު ބައެއްގެ ގޮތުގައި ނުބަލާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސް ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓީޗަރުން ނެތުން ކަމަށާއި ހާއްސަކޮށް ދިވެހި ޓީޗަރުން މަދުވުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތައުލީމީ ދާއިރާގައި 55 އަހަރުވެފައިވާ 300 އެއްހާ ޓީޗަރުން މަސައްކަތް ކުރާއިރު އޭލެވެލް ނިންމައި ޓީޗަރު ކަމަށް ކުރިމަތިލާ ދަރިވަރުންގެ އަދަދުވެސް މަދު ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތަކީ މުދައްރިސުންނަކީ މުހިންމު ބައެއްކަމުގައި ކަނޑައެޅުން. މުދައްރިސުންނަށް ގަދަރާއި އިހުތިރާމު ދޭނެ ތަނެއްގެ ގޮތުގައި އެންމެ ފުރަތަމަ ވެސް ސްކޫލު ވެށި އެއްކޮށް ބައްޓަން ކުރުން. މިއީ މި އަހަރުގައި އެންމެ އިސްކަމެއްދޭނެ ބައެއް ކަންތައްތައް“ ޝަފީއު ވިދާޅުވި އެވެ.