އިމިގްރޭޝަން ގާނޫނަށް އެމްޑީޕީގެ ފަރާތުން އިސްލާހު ހުށަހެޅީ އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ބޭނުމުގައި ކަމަށާއި އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ގެންނަ އިސްލާހަށް ވެސް އެމްޑީޕީން ތާއީދުކުރާ ކަމަށް އެމްޑީޕީގެ ފަރާތުން އިސްލާހު ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލް ވިދާޅުވީ އިސްރާއީލް ޕާސްޕޯޓް މަނާ ކުރުމުގެ މައްސަލައިގައި ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
”މިހާރު މިކަން ކުރެވޭނެ ކަމެއްވެސް އަޅުގަނޑުމެންނަށް ނޭނގެ. ޑަބަލްކޮށް މިކަން ކުރުމުގެ ބޭނުމެއް ނެތް. ނިޔަތަކީ އެކަން ކުރުން ކަމަކީ ކަމަށް ވަނީ ނަމަ“ މީކާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އޮތީ ޕީއެންސީއަށް ކަމަށްވުމުން އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހު ސަރުކާރު ބޭނުންވާ ގޮތަކަށް ބަދަލު ކުރެވިދާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން މުޅިން އާ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު މީކާއީލް ވަނީ އެމްޑީޕީގެ ފަރާތުން އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިސްލާހެއް ހުށަހަޅުއްވައިފައެވެ.
މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ އިޒްރާއީލްގެ ޕާސްޕޯޓު ގެންގުޅޭ މީހުން އޭގެ ތެރޭގައި އިޒްރާއީލްގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭ ގޮތަށް ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށެވެ.
މީކާއީލް އެ އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރުކުރާ ނަންބަރެއްގެ ގޮތުގައެވެ.
އެފަދަ އިސްލާހެއް އިމިގްރޭޝަން ގާނޫނަށް ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް މީކާއީލް ވިދާޅުވީ އިޒްރޭލުން، ފަލަސްތީނުގެ ދަރިފަސްކޮޅޮ ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.
އަދި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރުމުން ވެސް މި ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީއާއި އެކަން ކުރެވޭނެ ވަކި މުއްދަތެއް ނޭނގޭތީ، ސީދާ ގާނޫނަށް ގެންނަ ބަދަލަކުން އިޒްރޭޕު ޕާސްޕޯޓު މަނާ ކުރުމަށް ކަމަށެވެ.
އެ އިސްލާހު ހުށަހަޅައިފައިވަނިކޮށް ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވުން މަނާ ކުރުމުގެ ގޮތުން ގާނޫނަށް ގެންނަން ޖެހޭބަދަލުތައް ގެންނަން ކެބިނެޓުން އިއްޔެ ނިންމައިފައިވާ ކަމަށެވެ.
އިހުސާން ވަނީ ރާއްޖެއަށް އިޒްރޭލް މީހުން އައުން މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ކެބިނެޓުން ނިންމިކަން އިއުލާން ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް ރައްޔިތުންގެމަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ގުޅުންހުރި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު ހާމަކުރައްވައި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން: