ނޮވެމްބަރ 23, 2024

އަނެއްކާވެސް ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް!

ހިޔާ ފްލެޓެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ދައުރުވާން ފަށައިފި އެވެ.

އެ ވީޑިއޯ އިން ފެންނަނީ މީހަކު އެ ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާކޮށް އެއްޗެހި ކިޔާ އަޑެވެ. އެގޮތުން ބިންމައްޗަށް އެ ކުއްޖާ ވައްޓާލައި ކޮޅުފައިން ގައިގައި ޖަހާ މަންޒަރު ފެނެ އެވެ. އަދި ޖެހުމުން ކުއްޖާ ރޯން އަޑުއިވޭއިރު، އަނިޔާކުރި އިރު އެތަނުގައި އިތުރު ދެ މީހަކު ހުއްޓާ ފެނެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއްގެ މައްސަލަ މި މަހުގެ 19ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާއްމުވި އެވެ.

އެ ފަހަރު އާންމުވި ވީޑިއޯގައި ފެންނަނީ 12 އަހަރުގެ ކުއްޖަކަށް އުމުރުން 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިން އަނިޔާކުރާ މަންޒަރެވެ.