މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު ދުއްވަން ހާއްސަކޮށްފައި އޮންނަ ކާރު ވަގަށް ނެގި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
އެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ އެމްއޭސީއެލްގެ ދެ މުވައްޒަފުން ކަމަށްވާ މ. ސީނީއަސުރުމާގެ/ މުހައްމަދު ހައިޝަމް އާއި މ. މޮޑަންކޮމެޓް/ އަހުމަދު ނިޒާމުގެ މައްޗަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މީހުންގެ މައްޗަށް ދައުވާ ކުރަނީ އެމްއޭސީއެލްގެ އެމްޑީ ދުއްވަން ހާއްސަކޮށްފައިވާ 34560 އެމެރިކާ ޑޮލަރު (532،915ރ.)ގެ ކާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާވިސް ބިލްޑިންގައި ޕާކުކޮށްފައި އޮއްވައި މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަގަށް ނަގައިގެން ގޮސްގެން، އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލައި، އެ އުޅަނދުގެ އަސްލު އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.
މި މައްސަލައިގައި ނިޒާމުގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެ އެވެ. އެއީ:
- އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ
- އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާ
- މުދަލަށް ގެއްލުންދިނުމުގެ ދައުވާ
މި ތިން ދައުވާ ނިޒާމުގެ މައްޗަށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ
ހިޝާމްގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެކަންޏެވެ. އެ ދައުވާގެ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ




ގުޅުންހުރި
ޝަމްއާން ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކީ ބައްޕަ ދިން ފައިސާއިން ކަމަށްބުނެ
ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު