ނޮވެމްބަރ 25, 2024

މި ވަގުތަކީ ވެރިކަމަށް އަންނަންވީ ވައުދާ މެދު ވިސްނަންވީ ވަގުތެއް ނޫން: ގާސިމު

މި ވަގުތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާ މެދު ވިސްނަންޖެހޭ ވަގުތު ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ގާސިމު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަނުކޮށް، ބޭރުގެ ފަންޑިންއެއްގެ ޕްރޮގްރާމިން ބަޖެޓަށް ދިއުމަށް ފުރުސަތު ދިނުމަކީ މަޖިލިސް މެންބަރުން ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.

އަދި އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ޕްރޮގްރާމް ބަޖެޓަށް ގޮސްފިނަމަ، ރައީސުލްޖުމްހޫރިއްޔާއެއް ހުރުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

އައިއެމްއެފް ޕްރޮގްރާމިން ބަޖެޓަށް ނުގޮސް، އެކަމުން ސަލާމަތްވުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅައި އެކަމުން ސަލާމަތްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް މަޖިލިސް މެންބަރުން ތިއްބެވީ ތައްޔާރަށްކަން ފާހަގަކުރައްވައި ގާސިމު ވަނީ ގެއްލުންވާ ކުންފުނިތައް އުވާލައި ޒިންމާއެއް ނެތް ގޮތަށް ވަޒީފާ ދީފައިވާ ފަރާތްތައް ވަކި ކުރުމަށް ރައީސަށް ގޮވާލައްވައިފަ އެވެ.

”މި ގައުމު ސަލާމަތް ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން، ބޯން ޖެހުނު ކޮންމެ ހިތި ބޭހެއް ބޯން މި ތިބީ ތައްޔާރަށް… ކޮންމެ ވާހަކައެއް އިންތިހާބު ކާމިޔާބު ކުރަން ދައްކަވާފައި އޮތް ނަމަވެސް މިއީ އެކަމާމެދު ވިސްނަންޖެހޭ ވަގުތެއް ނޫން. ގައުމު ސަލާމަތްކުރަންޖެހޭ ވަގުތު. ހުރިހާ ވައުދެއް ފުއްދައިފައެއް ނެތް އެއްވެސް ބޭފުޅަކު އަދި އެކަމެއް ނުވެސް ކުރެއްވޭނެ،“ ގާސިމު ވިދާޅުވި އެވެ.