ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން ޓެރަރިޒަމަށް ޒުވާނުން ދަނީ ލަންބަމުން: ގައްސާން

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

ރާއްޖޭގައި އުޅޭ ޓެރަރިސްޓު ހަރަކާތްތައް ހިންގާ މީހުން ދަނީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ އެހީގައި ޒުވާނުން، ހަރުކަށި ފިކުރަށް ލަންބަމުން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ހައިލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިޔުރިޓީގައި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގައްސާން މިއަދު ވިދާޅުވީ ހަރުކަށި ފިކުރަށް ޒުވާނުން، ލެންބުމުގެ މަސައްކަތްކުރާ މީހުން ވަނީ އަތޮޅު ތެރޭގެ އިތުރުން މާލޭގައި ހަމަލާތައް ވެސް ދީފައިވާ ކަމަށެވެ.

”މިފަހަކަށް އައިސް ރައްޔިތުން އާންމު ހާލަތުގައި ބޭނުންކުރާ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އާ މީހުން މިފަދަ ނުރައްކާތެރި ހަރަކާތްތަކުގެ ތެރެއަށް އިންޑަކްޓް ކުރުމުގެ މަސައްކަތްތައް ހިންގަން ފަށައިފިކަން ވަރަށް ބޮޑަށް ފާހަގަވޭ. ހިތާމައަކީ މިފަދަ ޓެކްނޮލޮޖިކަލް ޕްލެޓްފޯމްތައް ބޭނުންކުރުމުން އެކަމުގެ ޝިކާރައަކަށް ވެގެންދާނީ އެންމެ ގިނައިން އަޅުގަނޑުމެންގެ ލޮބުވެތި ޒުވާނުން ކަމަށްވާތީ،“ ގައްސާން ވިދާޅުވި އެވެ.

ގައްސާން ވިދާޅުވީ ގައުމުގެ ކަންކަމުގައި ޒުވާނުންގެ ޝާމިލުވުން އެންމެ މުހިންމު ދަނޑިވަޅުގައި ޓެކްނޮލޮޖީގެ ޕްލެޓްފޯމުތަކުގެ ފަހަތުގައި ބަޔަކު ފިލާ ތިބެގެން، އެ ޒުވާނުންގެ ސިކުނޑިއަށް ފޯރުކޮށްދެނީ ގައުމަށް ގެއްލުންވާ ފިކުރުތައް ކަމަށެވެ.

ޓެކްނޮލޮޖީގެ ވަސީލަތްތައް ޓެރަރިޒަމްގެ ކަންކަމުގައި ބޭނުން ކުރުމުގެ ސަބަބުން އެފަދަ ކަންކަން ހުއްޓުވުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ގައްސާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެފަދަ ނޭދެވޭ އޮއެވަރުތައް ގައުމުގައި ދެމެން ފެށުމަކީ ގައުމީ ސަލާމަތަށް ނުރައްކާކުރާ ހައްސާސް މައްސަލައެއް ކަމަށެވެ.

ޓެރަރިޒަމުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް ދައުލަތުގެ ތިން ބާރާއި، އިދާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއެކު އެކަތިގަނޑެއްހެން މަސައްކަތް ކުރުން ކޮންމެހެން ވެސް މުހިންމު ކަމަށް ގައްސާން ވިދާޅުވި އެވެ.