ސެޕްޓެމްބަރ 22, 2024

ދެ ގަޑިއިރު ތެރޭ ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިއްޖެ، ގިނަ ބަޔަކު ބައިވެރިވޭ

އޮޅުވާލައިގެން މީހެއްގެ އަމިއްލަ އެކައުންޓުން އަދި އޭނާއާ ގުޅުން ހުރި ޖަމިއްޔާއެއްގެ އެކައުންޓުން 580،000ރ. އަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެންޓި ސްކޭމް ސެންޓަރުގެ ފަރާތުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސްކޭމްގެ މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، އެ ފައިސާ ފޭރިގެންފައިވަނީ ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި ވިކްޓިމްގެ އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި ވިކްޓިމްގެ މޯބައިލް ނަންބަރު އީ-ސިމްއަކަށް ބަދަލުކޮށް، އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒްކޮށް އިންޓަނެޓް ބޭންކިންގެ އެކްސެސް ހޯދައި ވިކްޓިމްގެ އަމިއްލަ އެކައުންޓުން 25،000ރ. އާއި ވިކްޓިމްގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން 562،149ރ. ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ސްކޭމްގެ އިތުރު ތަފުސީލު ދެއްވަމުން ސްކޭމް އިންވެސްޓިގޭޝަންގެ ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ ވިކްޓިމްގެ އަމިއްލަ އެކައުންޓުންނާއި އޭނާގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވަނީ 1 ގަޑިއިރާއި 49 މިނެޓުގެ ތެރޭގައި ކަމަށެވެ.

އަދި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ރާވައިގެން ހިންގާފައިވާ ކުށެއް ކަމަށާއި މި މައްސަލައިގައި ”މަނީ މިލްސް“ގެ ގޮތުގައި ބައިވެރިވި މީހުންނަށް މާލީ ގޮތުން ފައިސާ ލިބިފައި ހުރިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

ޝާމް އިތުރަށް ވިދާޅުވީ، ފޭރުނު ފައިސާގެ ތެރެއިން 62 ޕަސެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އަށް އޭޓީއެމަކުން ނަގާފައިވާއިރު، 19 ޕަސެންޓް ފައިސާ އިން ފަސް ވިޔަފާރިއަކުން އަގުބޮޑު އިލެކްޓްރޯނިކް މުދަލާއި ކްރިޕްޓޯ ކަރަންސީ ގަތުމަށް ހޭދަކޮށްފައިވާ ކަމަށެވެ. އަދި ފޭރުނު ފައިސާގެ ތެރެއިން 18 ޕަސެންޓް ފައިސާ ފްރީޒް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

”މައްސަލައިގައި ނިގުޅައިގެންފައިވާ ފައިސާ ކޭޝް އައުޓް ކުރުމުގައާއި މުދާ ގަތުލުމުގައި ރާއްޖޭގެ އަށް އަތޮޅަކުން ޖުމުލަ 36 ރަށަކުން 150 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވޭ،“ ޝާމް ވިދާޅުވި އެވެ.