މުހައްރަމް މަހަކީ މާތް ﷲ ހުރްމަތްތެރި ކުރައްވާފައިވާ މަހެއް ކަމަށާއި ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”އާޝޫރާ ދުވަހުގެ މާތްކަން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި އެ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުއައުނާއި އޭނާގެ ލަޝްކަރު އަރަގުކުރެއްވި ދުވަސް ކަަމަށެވެ. އަދި އެފަދަ ހާދިސާތަކުގައި ގިނަގުނަ އިބުރަތްތަކާއި ދަރުސްތައްވާ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، އޭގެ އެންމެ މުހިންމު ފިލާވަޅަކީ اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށެވެ. އަދި މުސީބާތްތަކުން ސަލާމަތް ވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމަށާއި އާހިރަތުގައި ނަސްރާއި ނަސީބު ލިބުމުގެ މަގަކީ އެއީ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، ފިރުއައުނު އަރަގުކުރެއްވި ހާދިސާ އިން އެނގެނީ، މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ އަޒާބުން އަޒާބުދެއްވައި، ނެތިކުރައްވާނެކަން ކަމަށާއި އެ މީހުންނަށް އެކަމުގައި ކާމިޔާބު ނުލިބޭނެކަން ކަމަށެވެ. އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާންޖެހޭ ކަމާއި މާތް ﷲ އަށް އީމާންވާ މީހުންނަށް ދުނިޔޭގައިވެސް އިއްޒަތާއި ޝަރަފާއި ގަދަރު ދެއްވާނެކަމީވެސް އެ ހާދިސާ އިން އެނގޭ ކަމެއް ކަމަށް ބުންޏެވެ.
އާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އަމަލުކުރާންވީ ގޮތް، ކީރިތި ރަސޫލާގެ ސުއްނަތުން އެނގޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެ ދުވަހު ރޯދަ ހިފުމުގެ ތިން ދަރަޖައެއްވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ އާޝޫރާ ދުވަހާއެކު އެއް ދުވަސް ކުރިންނާއި އެއް ދުވަސް ފަހުން ރޯދަ ހިފުން ކަމަށާއި އޭގެ ފަހުން އަންނަ ދަރަޖައަކީ އަދި ގިނަ ހަދީޡްތަކުން ދޭހަވާ ގޮތަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަ ހިފުން ކަމަށް ބުންޏެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަ ހިފުން ކަމަށް ހުތުބާގައި ބުންޏެވެ.
ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ، ﷲގެ މައްސަރުކަމުގައިވާ މުހައްރަމު މަހެވެ.“ މި މަސް، މާތް ﷲ ގެ ޒާތުފުޅަށް ނިސްބަތް ކުރެއްވުމުން އެ މަހުގެ މާތްކަމާއި ޝަރަފުވެރިކަން އެނގޭ ކަމަށްވެސް ހުތުބާގައި ބުންޏެވެ.




ގުޅުންހުރި
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް:
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އަނިޔާއެއް، މި ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ: ހުތުބާ
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ނަމާދު އެޅުމަކީ މާތް ﷲ ގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހޭ:
މުޖުތަމައުގައި ނޭދެވޭ ކަންތައްތައް މި ހިނގަނީ ހަރުދަނާ ބިންގަލެއް އެޅިފައި ނެތުމުން: