ސެޕްޓެމްބަރ 21, 2024

ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށީ ސިޓީގެ މަގުތައް ޒަމާނީ ފެންނަވަރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

ޖުމުލަ 100.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުޅުދުއްފުށީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައި، 10 ޖޫން 2021 ގައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްގީ ކުރަމުން އަންނަނީ 31 މަގެކެވެ. އެއީ ޖުމުލަ 7.25 ކިލޯ މީޓަރެވެ.

އާރުޑީސީން ބުނީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ކުޅުދުއްފުށި ސިޓީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު އޮތީ މަޑުޖެހިފައި ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ހަލުވިކޮށް މި ސަރުކާރުގައި 5.75 ކީލޯމީޓަރުގެ މަސައްކަތްތައް ނިންމައި ތާރު އަޅާފައިވާ ކަމަށް ބުންޏެވެ.

އާރުޑީސީން ބުނީ، އެ މަޝްރޫގެ މަސައްކަތްތަކުގެ ތެރެއިން ކޮނެގެން ކުރަންޖެހޭ މަސައްކަތްތަކުގެ 95 ޕަސެންޓުގެ މަސައްކަތް ނިމިފައިވާއިރު ތާރު އެޅުމުގެ 79 ޕަސެންޓަށްވުރެ ބޮޑަށް މަސައްކަތްތައް ނިންމާލާފައިވާ ކަމަށެވެ.

އޭގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި އަމީނީމަގުގައި ފަޔާހައިޑްރަންޓް އަދި ޑީވޯޓަރިން ނެޓްވޯކް އެޅުމުގެ މަސައްކަތާއެކު ދެވަނަ ފިޔަވަހީގައި މިހާރު ނުނިމި އޮތް 1.5 ކިލޯމީޓަރުގައި ތާރު އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ބުންޏެވެ.