ސެޕްޓެމްބަރ 21, 2024

ޗައިނާ އާއި އެމެރިކާ އިން ކަސްޓަމްސް އަށް ދެ ޑްރޯން ދެނީ

ރާއްޖޭގައި ކަނޑުގެ ސަރަހައްދަށް ވަންނަ އުޅަނދުތައް މޮނީޓާކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ޑްރޯންތަކެއް ލިބޭ ގޮތް ހަމަޖެހިފައިވާ ކަމަށް އެ މުއައްސަސާ އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސްގެ އިސްވެރިން ހާޒިރުކޮށްގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުތައް އަމިއްލަ އަށް މޮނިޓާ ކުރެވޭ ވަރަށް ކަސްޓަމްސްގައި ވަސީލަތްތައް ގާއިމުކޮށްފައި ނެތް ކަމަށެވެ.

އެގޮތުން ޑްރޯން ބޭނުންކޮށްގެން އުޅަނދުފަހަރު މޮނިޓާ ކުރުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމަށްޓަކައި ބޭނުންވާ ޑްރޯން ޗައިނާއާއި އެމެރިކާ އިން ލިބޭ ގޮތް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މާނިއު ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން އުޅަނދުފަހަރު މޮނިޓާ ކުރުމަށްފަހު ނުރައްކަލެއް އޮތްނަމަ، އެ އުޅަނދެއް ކައިރިއަށް ފޮނުވާނީ ލޯންޗު ކަމަށެވެ. އަދި ކަސްޓަމްސް އަށް ޖަޕާނު ސަރުކާރުގެ ފަރާތުން 85 ފޫޓުގެ އުޅަނދަކާއި ޗައިނާ އިން އުޅަނދެއް ލިބޭ ގޮތްވެސް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ

ބޯޑަރަށް ވަންނަ އުޅަނދުތައް މޮނިޓާ ކުރުމުގެ މަސައްކަތް ކަސްޓަމްސް އިން މިހާތަނަށްވެސް ކުރަމުން އައީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު އެވެ.

މާނިއު ވިދާޅުވީ، އެ އެހީތެރިކަން ބަދަލު ކުރުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި ކަސްޓަމްސް އަށް ޑްރޯންތައް ގެނަޔަސް އެ ތަކެތި އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރާނީ އެމްއެންޑީއެފުން ކަމަށެވެ.

އެމްއެންޑީއެފްގެ އެއާ ވިންގެއްގެ ގޮތުގައި އެއާކޯ އުފައްދާފައި ވަނީ ތުރުކީ އިން ދެ ޑްރޯން ގަތުމަށް ފަހު، އެވެ. ނަމަވެސް ޑްރޯން ބޭނުން ކޮށްގެން މިހާތަނަށް ހިންގާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވަނީ އެންމެ ސާޗް އޮޕަރޭޝަނެއްގަ އެވެ.