ރާއްޖެ އިން މިޔަރު އުރަހަތަކެއް ވަގަށް ބޭރުކުރަން އުޅުނު މީހަކު 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
އެ މައްސަލައިގައި ރާއްޖެ އިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާ ދައުލަތުން ދައުވާ ކުރީ ލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ރުޝާން މުހައްމަދު ސުބިރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އެ ދައުވާކުރީ އޭނާ ލަންކާއަށް ފުރުމަށް އެއާޕޯޓަށް ދިޔައިރު އޭނާގެ ލަގެޖުން މިޔަރު އުރަހަތަކެއް ފެނުމުންނެވެ.
އެ ދައުވާއަށް ރުޝާން ވަނީ އިއުތިރާފުވެފަ އެވެ. އޭނާ ބުނީ އޭނާގެ ދަރިއަކު އެކްސިޑެންޓުވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތީ މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދޭ ކަމަށެވެ.
އަދަބާ ގުޅޭ ގޮތުން ވާހަކަދައްކަން ލިބުނު ފުރުސަތުގައި ދައުލަތުން ވަނީ ރުޝާންގެ މައްޗަށް ކުރާ ދައުވާގެ އަދަބަކީ 10،000 ރުފިޔާއާއި 200،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 12 މަސްދުވަހަށް ޖަލަށްލުން ކަމަށެވެ. ޝަރީއަތުގައި ރުޝާން އެދުނީ އޭނާގެ މައްޗަށް ޖޫރިމަނާގެ އަދަބެއް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލައިގައި ރައުޔު އިއްވަވަމުން އެ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވީ، ދައުވާއަށް ދައުވާ ލިބޭ ފަރާތުން އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރާ ކުށުގެ އަދަބު މަތިވާނެ ނުވަތަ ދަށްވާނެ ހާލަތެއް އެ ދައުވާކުރާ ”ދިވެހިރާއްޖޭގެ ކަސްޓަމްސް ގާނޫނު“ ގައި ބަޔާންކޮށްފައިނުވާތީ އެ ގާނޫނުން ދެ އަދަބުން ކުރެ ބޭނުން އަދަބެއް ދިނުމުގެ އިހުތިޔާރު ކޯޓަށް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ ރުޝާނަކީ ލަންކާގެ ރައްޔިތަކަށްވެފައި، އޭނާގެ ދަރިއަކަށް ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާތީ އޭނާ ރާއްޖޭގެ ޖަލެއްގައި ބެހެއްޓުމަށްވުރެ ބޮޑަށް މަސްލަހަތު ރަނގަޅީ ޖޫރިމަނާ ކުރުން ކަމަށެވެ.
އެހެންވެ ގާޒީ ހުކުމް ކުރެއްވީ ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާ ރުޝާންގެ މައްޗަށް ސާބިތުވެފައިވާތީ އޭނާ 50،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.

ގުޅުންހުރި
ކުއްލި ގޮތަކަށް މަރުވި ކޫބެއަކީ އިރަމްގެ ފިރިމީހާ، ކައިވެންޏަށް އަދި އަހަރެއް
ފުވައްމުލަކުގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވެއްޖެ
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
ކުޑަކުއްޖަކު ލައްވާ އޮރިޔާންކާޑު އުފެއްދި މީހަކު 20 އަހަރަށް ޖަލަށް