ހުޅުމާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކޮށް، އެކްސިޑެންޓުތައް މަދުކުރުމަށް ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ބޮޑެތި ބަދަލުތަކެއް ގެންނަން އެޗްޑީސީ އިން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ އެ ބަދަލުތައް ގެންނަން ނިންމާފައިވަނީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި 11 ސަރަހައްދަކަށް ކަމަށެވެ.
އެގޮތުން އޭގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ހަދައި ބައެއް ސަރަހައްދުތަކުގައި ސައިން ބޯޑުތައް ބަހައްޓާނެ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ، މަގުތަކަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ގެނެސް، ސައިން ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށައި، މި އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
އަދި އެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށްވެސް ބުންޏެވެ.



