ސްލޫކީ މިންގަނޑާ ހިލާފުވާ މެންބަރުން ސަސްޕެންޑް ކުރެވޭ ގޮތަށް ގަވައިދު ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުލޫކީ މިންގަނޑާ ހިލާފުވާނަމަ ޖަލްސާތަކާއި ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު މިއަދު އިސްލާކޮށްފި އެވެ.

ކުރިން އެ ގަވައިދުގައި އޮންނަ ގޮތުން މެމްބަރުން ސުލޫކީ މިންގަނޑާ ހިލާފުވިޔަސް އެ މެންބަރަކަށް އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނޯވެ އެވެ.

ނަމަވެސް މަޖިލީހުގެ އާންމު ކޮމިޓީން އެކުލަވައިލުމަށް ފަހު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރި އާ ގަވައިދުގައިވާ ގޮތުން، ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ އަދި މަޖިލިހުގެ މެންބަރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ވެއްޖެ ނަމަ އެ މެމްބަރުންނާ މެދު ފިޔަވަޅު އެޅޭނެ އެވެ.

ސުލޫކީ މިންގަނޑާ މެންބަރަކު ހިލާފުވުމުން އަޅާނީ ޕާލަމެންޓަރީ އަދަބެއް ގޮތުގައި އަޅާ ފިޔަވަޅެއް ކަމަށް ގަވައިދުގައި ބުންޏެވެ. އެއީ މަޖިލީހުގެ ގަދަރާއި ޖަލްސާތަކުގެ ހުރުމަތްތެރިކަން ހިފެހެއްޓުމަށާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ދޭ އަދަބެއް ކަމަށް ގަވައިދުގައި ބުންޏެވެ.

ގަވައިދުގައިވާ ގޮތުން ސްލޫކީ މިންގަނޑާ ހިލާފަށް މެމްބަރުން ކުރި އަމަލު ކުށްވެރިކޮށް، ރަސްމީ ލިޔުމެއް މެމްބަރަށް ފޮނުވައި އޭގެ ކޮޕީއެއް އެހެން މެމްބަރުންނަށް ފޮނުވަން ޖެހެ އެވެ. އެއީ މަޖިލީހުގެ ގަދަރަށް އުނިކަމެއް ލިބޭ ކަމެއް ކަން އަންގައި މަޖިލީހުގެ ތަޅުމުގައި އިއުލާންކޮށް، އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުމަށް ކަމަށް ގަވައިދުގައި ބުންޏެވެ.

އަދި ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވުުން މަހުރޫމް ކުރުމާއި މަޖިލީހުގެ ރަސްމީ ދަތުރުތަކާއި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުމުން މަހުރޫމް ކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ޖަލްސާތަކުން މެމްބަރު ސަސްޕެންޑު ކުރި ނަމަވެސް ހާއްސަ ޖަލްސާތަކުގައި އެ މެމްބަރަކަށް ބައިވެރިވެ، ވޯޓު ދެއްވޭނެ ކަމަށް މަޖިލީހުގެ ގަވާއިދަށް އަލަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ. އެއީ؛

– ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ
– ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ
– ފަނޑިޔާރުންނާއި މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ މައްސަލަ
– ދައުލަތުގެ ބަޖެޓު ފާސްކުރުން