އާރްޓީއެލް ފެރީގެ ރޫޓުތައް ބަދަލުކުރަން ޖެހިދާނެ: އާދަމް ޝަރީފް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީތައް ދަތުރުކުރާ ރޫޓުތައް ބަދަލުކުރަން ޖެހިދާނެ ކަމަށް ލޯކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ފެރީގެ ހިދުމަތަކީ ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ނިޒާމެއް ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން އާރްޓީއެލް ނިޒާމު ބައްޓަން ކޮށްފައިވަނީ އެންމެ ރަނގަޅު ގޮތެއްގައި ނޫން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

”ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ނިމިދިޔަ ސަރުކާރުން މި މސައްކަތް ފެށިގެންދިޔަކަމުގައި ވިޔަސް ހަގީގަތުގައި މިހާ ހިސާބަށް މިއައިއިރު އަޅުގަނޑުމެންނަށް މި އެނގިގެންދާ ތަޖުރިބާއަކީ، މިކަން ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހިފައިވާކަން. މިކަމަށްޓަކައި ބައެއް ފަަހަރު ބައެއް ހާލަތްތަކުގައި ތަޖުރިބާއަށް ބަލާ ފެރީތައް ދަތުރުކުރާ ނިޒާމު ނުވަތަ ރޫޓުތައް ބަދަލުކުރުމަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި ކުރަންޖެހިދާނެ ކަމެއް“ އާދަމް ޝަރީފު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ފެރީގެ ނިޒާމު ވީހާވެސް ބޮޑަކަށް ހަރަދަނާކުރުން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އާރްޓީއެލް ހިދުމަތް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އާރްޓީއެލްގެ ހިދުމަތަކީ މުޅި ރާއްޖެ ހައިސްޕީޑް ފެރީގެ ނިޒާމުން ގުޅައިލުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރީ ސަރުކާރުން ފެށި މަޝްރޫއެކެވެ.

އެމްޓީސީސީން ގެންދަނީ އާރްޓީއެލްގެ ހިދުމަތް 13 ރަށެއްގައި މިހާރު ފޯރުކޮށްދެމުންނެވެ.